ޚަބަރު

ހަކަތައިގެ ދާއިރާއިން ފުވައްމުލަކުގައި ކުރިއަށްދާ މަސައްކަތްތައް އަވަސްކޮށްދޭނަން: ވަޒީރު ޠާރިޤް


  • ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ރަނގަޅުކުރުމަށް އިސްކަންދެއްވާ

ތިމާވެށްޓައި ހަކަތައިގެ ދާއިރާއިން ފުވައްމުލައް ސިޓީގައި ކުރެވޭ މަސައްކަތްތައް އަވަސްކޮށްދެއްވާނެކަމަށް ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ސިޓީތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރެވޭ ބައެއް މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާނީ އެ ވުޒާރާގެ މެންޑޭޓުގެ ދަށުގައިވާ ވެމްކޯ އަދި ފެނަކައަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދެއްވުމަށްކަމަށެވެ. އެހެންކަމުން، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރައްވައި، އަވަސް ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ޠާރިޤް އިބްރާހީމް ވިދާޅުވީ، ފުވައްމުލަކުގައި މިހާރު އިމާރާތްކުރަން ފަށާފައިވާ އިންޖީނުގޭގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ. އެހެންނޫންނަމަ، މުސްތަޤްބަލުގައި ފުވައްމުލައް ސިޓީއަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިމާވެށްޓާބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފާއިތުވި 5 އަހަރުގެ ތެރޭގައި ފެށިފައިވާ މަޝްރޫޢުތައް ނުނިމި ލަސްވަމުންދިއުމުގެ ސަބަބުން އެކި ދަތިތައް ދިމާވަމުންދާކަމަށް ވިދާޅުވިއެވެ.


ޠާރިޤް އިބްރާހީމް ވިދާޅުވީ، ފާއިތުވީތަނުގައި މަޝްރޫޢުތައް ހިންގުމުގައި އިސްކަންދޭންޖެހޭ ބައެއް ދާއިރާތަކާއި ރަށްތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމުގެ ސަބަބުންވެސް މަޝްރޫޢުތައް ހުއްޓި ލަސްތަކެއް އައިސްފައިވާކަމަށެވެ. ނަމަވެސް އެ މަޝްރޫޢުތައް އަލުން ފަށައިގަނެގެން އަވަހަށް ނިންމުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މި ބަލަނީ ހަމަ އެންމެ މުހިންމު ތަންތަނާއި މިހާރު ކަރަންޓު ދެމުން ގެންދާތަންތައް ހަރުދަނާކޮށް އަދި އިޔާދަކުރަނިވި ހަކަތަ އިތުރަށް އާލާކުރަން މަސައްކަތް ކުރުމަށް." ވަޒީރު ޠާރިގް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ، ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އެސިޓީގައި ފެނުގެ ކެޕޭސިޓީ އިތުރުކުރައްވާނެކަމަށެވެ.

ޠާރިޤް އިބްރާހީމް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅަކީ، ސަރުކާރުން ފުވައްމުލަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޚާއްޞަކޮށް ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ހިންގާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އައްސަވައި، އެކަންކަމަށް ޙައްލު ހޯދައިދެއްވުމަކީވެސް މި ދަތުރުފުޅުގެ ބޭނުމެއްކަމަށް ތިމާވެށްޓައި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.