"މަގޭ ސޯލާ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަރުޙަލާއަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެނެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިމަޝްރޫޢުގެ ދަށުން އިޔަދަކުރަނިވި ހަކަތައިގެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކައިގެ ދަށުން ކަރަންޓު ފޯރުކޮށްދެމުންދާ ރަށްރަށުގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް %4 އިން %33އަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެއަމާޒަށް ވާޞިލުވުމަށް މިއަހަރުގެ ކުރީކޮޅު "މަގޭ ސޯލާ"ގެ ނަމުގައި ޚާއްސަ މަޝްރޫޢެއް ވަނީ ފައްޓަވާފައެވެ. މިމަޝްރޫޢަކީ ސީދާ ރައްޔިތުންގެ ގޭބިސީތަކާ ހިސާބުން ހަކަތަ އުފެއްދުމަށް، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުވުމަށް ކުރެވޭ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރުގެ ނައިބު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ، މިމަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ހިމެނޭ 750 ގޭބިސީގައި ހަރުކުރަން ނިންމާފައިވާ ސޯލާއާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ހިމެނޭ ފުރަތަމަ ޝިޕްމަންޓް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ ފުރަތަމަ 3 މެގަވޮޓްގައި ހިމެނޭ ސޯލާއާއި ސޯލާ ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ" ޑރ. މުއާވިޔަތު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ލިބޭ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 3 މެގަވޮޓްގެ ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވަނީ ފެނަކައިން ޚިދުމަތްދެމުންދާ ރަށްރަށުގައެވެ. އަދި މަޝްރޫޢުގެ ދެވަނަ މަރުޙަލާގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ އިތުރު 3 މެގަވޮޓްގެ ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިވަގުތުވެސް މަޝްރޫޢަށް ދެވަނަ މަރުހަލާއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ސޯލާ މަޝްރޫޢު އެ މަރުހަލާ އަމާޒުކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެވުޒާރާއިން ވިދާޅުވީ މިމަޝްރޫޢަކީ ސީދާ ރައްޔިތުންގެ ކަރަންޓަށްކުރާ ޚަރަދަށް ހެޔޮ ބަދަލެއް ގެނުވާނެ މަޝްރޫޢެއްކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ގޭބިސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ކިލޯވޮޓާއި 5 ކިލޯވޮޓްއާ ދެމެދުގެ ޢަދަދެއްގެ ސޯލާއެވެ. ގޭބިސީތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތަށް ބެލުމަށްފަހު އެގޭބިސީއަކަށް ދޫކުރާނެ މިންވަރުކަނޑައަޅާނީ ހަކަތައިގެ ޚިދުމަތްދޭ ކުންފުނިތަކުންނެވެ.