ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީ ހަދަން ފަށައިފި


  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިޚިދުމަތްދެނީ އައިޖީއެމްއެޗާއި ގުޅިގެން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި ސިއްޙީ ފަރުވާދޭ އެހެން ރަށެއްގައި މިޚިދުމަތްފެށި ފުރަތަމަ ފަހަރެވެ.

ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް އެހޮސްޕިޓަލުގައި ދެމުންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ރަށްރަށުން ލިބެންހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެންމެ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އެތަނުގައި އައު ޚިދުމަތްތައް ފެށުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތުގެ ދަށުން ބުރާސްފަތި ދުވަހު އެހޮސްޕިޓަލުގައިވަނީ ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށާފައެވެ.

މިޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފެށުމުގެ ސަބަބުން އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމާއި އެނޫންވެސް އަނިޔާތަކުގައި ލިބޭ ހާނިއްކައިގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ އެހޮސްޕިޓަލުގައި ފެށުނީއެވެ.

މިޚިދުމަތް އެހޮސްޕިޓަލުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗާއި ގުޅިގެންނެވެ. ޚިދުމަތް ދެއްވުމުގައި އެހޮސްޕިޓަލުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދުކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވިއެވެ. ޑރ. ވަޙީދުވަނީ އެހޮސްޕިޓަލަށް ވޫންޑް ކެއަރ އަދި ލެޕްރޮސްކޯޕިކް ސަރޖަރީ ތަޢާރަފްކުރެއްވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ވަޙީދު ވިދާޅުވީ ޕްލާސްޓިކް ސަރޖަރީއަކީ ހަމައެކަނި ރީތިވުމަށް ކުރާ ސަރޖަރީއެއް ނޫންކަމަށާއި، އެއީ ނުރައްކާތެރި އެކި ޙާދިސާތަކުގައި ލިބޭ އަނިޔާތަކާއި، ހާނިކަތަކުގައި ހަށިގަނޑުން ބައެއް މަދުވުމުން މަސް އަރުވައި ހަންގަނޑު އެރުވުމަށްވެސްކުރާ ސަރޖަރީތަކެއްކަމަށެވެ. މީގެއިތުރުން ރަނގަޅުނުވެ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ރަނގަޅުކުރުމަށްވެސް އެފަދަ ސަރޖަރީތައް ކުރާކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބުދުލްރައްޒާޤް ޙަލީމް ވިދާޅުވީ، މިއާއެކު މިފަދަ ޚިދުމަތް ހޯދުމަށް އުތުރުގެ ރަށްތަކުން މާލެއަށް ކުރަންޖެހުނު ދަތުރުތައް ނިމުމަކަށް އައީކަމަށެވެ. އަދި މިޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ސީއީއޯވަނީ ދެއްވާފައެވެ.

ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށިގެންދިޔުމާއެކު މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެހޮސްޕިޓަލުން ބުނީ މިވަގުތު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައވަނީ އައުޓްރީޗް ޕްރޮގްރާމެއްގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވިގޮތުގައި ޚިދުމަތްދިނުމަށް އެދާއިރާ ފުޅާކުރުމުގެ މަސައްކަތްކުރަމުންދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.