ޚަބަރު

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް މަދަނީ ޖަމިއްޔާތަކާއެކު މަސައްކަތް ފަށަނީ


  • ޖަމިއްޔާތަކުން މުހިއްމު މަސައްކަތްތަކެއްދަނީ ކުރަމުން

  • ވަކިވަކި ޖަމިއްޔާތަކުން ކުރާތީ އެންމެ ބޭނުންވާ މިންވަރަށް އަދި ނުކުރެވެނީ

  • އަމާޒަކީ ޖަމިއްޔާތަކާއި ސަރުކާރު ގުޅިގެން އެންމެ އެދެވޭގޮތުގައި އެހީބޭނުންވާ މީހުންނަށް އެހީފޯރުކޮށްދިނުން

މުޖުތަމަޢުގައި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކާއެކު މަސައްކަތް ކުރުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޢާމްދަނީ ލިބޭނެ ގޮތެއް ނެތި، ގިނަ ކުދިންތަކެއް ބަލަމުންދާ އެތައް ޢާއިލާތަކެއް ވަރަށް ދަތި ޙާލަތުގައި އަންނަނީ ދިރިއުޅެމުންނެވެ. މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ޖަމިއްޔާތައްވެސް ހަރަކާތްތެރިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، މުޖުތަމަޢުގައި ވަރަށް ހާލުގައި އުޅެމުންދާ ފަރާތްތައް އެބަތިބި ކަމަށެވެ. އަދި އެފަރާތްތަކަށް އެހީވުމުގައި އެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްވެސް ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އެފަދަ އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ބޭނުންވާކަމަށާއި، އެކަމުގައި ޖަމިއްޔާ ޖަމަޢާތްތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެވިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ޖަމިއްޔާތައް މިފަދަ އެހީތެރިކަން ބޭނުންވާ މީހުންނަށް އެކި ގޮތްގޮތުން އެބަ އެހީވެދޭ. އެހެންނަމަވެސް އަސްލު ވަކިވަކިން މިމަސައްކަތް ކުރާތީ އެންމެ ބޭނުންވާ މިންވަރަށް މިކަން ނުކުރެވިގެން އުޅެނީ. އެހެންކަމުން އަޅުގަނޑުމެން ވަރަށް އަވަހަށް މަސައްކަތްފަށާނަން އެންޖީއޯއަކާއެކު މުޖުމަތަޢުގައި ތިބި މިފަދަ އެހީ ބޭނުންވާ މިހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭން." ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހަމަޖެހިފައިވަނީ މަމްސް ޖަމިއްޔާއާއި ގުޅިގެންކަމަށެވެ. އަދި އިތުރު ޖަމިއްޔާތަކާއިވެސް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޑޭޓާބޭސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހުރި މަޢުލޫމާތުގެ އަލީގައާއި މިހާރު ކުރިއަށްގެންދާ ހާލުބެލުން ޕްރޮގްރާމާއި ރަށްރަށުގައި ހުރި އިބަމަ މެދުވެރިކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ ޖަމިއްޔާތަކާއި ގުޅިގެން ގާތުން މަސައްކަތްކުރުމަށް ނިންމާފައިވާކަމަށެވެ.

މުޖުތަމަޢުގައި ތިބި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ އެކި ޢާއިލާތަކަށް އެހީވުމުގައި މަމްސް ޖަމިއްޔާއިންވަނީ ވޭތުވެ މުއްދަތުގައި މުހިއްމު ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން ފަގީރުކަމުގެ ސަބަބުން ދިރިއުޅުމަށް އެކަށީގެން ނުވާ ފެންވަރުގައި ދިރިއުޅެމުންދިޔަ އެކި މީހުންގެ ގެދޮރު އާއްމުންގެ އެހީތެރިކަމާއެކު ބިނާކޮށްދިނުމުގެ ކާމިޔާބު ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ. ހަމައެއާއެކު ބައެއް ފުދުންތެރިކަން ނެތް ހާލަތްތަކުގައި ޢާއިލާތަކަށް ބޭނުންވާ އެކި ސާމާނު ހޯދައިދިނުމުގައިވެސް އެޖަމިއްޔާއިން އެކި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.