ޚަބަރު

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވައިފި


  • 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނަށް އިނާމު ލިބިވަޑައިގެންނެވި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

މިފަރާތްތަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާފައިވަނީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު ޖުމްލަ 138 ބޭފުޅަކަށް ލިބިވަޑައިގެންނެވިއިރު، މި ބޭފުޅުންގެ ތެރޭގައި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ހިމެނެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބުކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިކަމާއި، ނަރުސްކަމާއި، މުދިންކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓިވްކަމާއި، އަދި މިނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން އިނާމު ޙާޞިލް ކުރެއްވިއެވެ.

މީގެއިތުރުން، އެމް.އެން.ޑީ.އެފް އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނީފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިވަންކަން މިއަދު މި ހިސާބަށް އައީ ވަރަށް ގިނަ ބައެއްގެ ޤުރުބާނީގެ ސަބަބުން ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ރައްޔިތުންގެ ހިތްމަތާއި މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

"ޤައުމަށް އެހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވޭނީ ވަރަށް މަތިވެރި އަހްލާޤެއްގެ ވެރި ބަޔަކަށް، ޤައުމަށް ތެދުވެރިވެ ހަވާލުވި ކޮންމެ ޒިންމާއެއް އަމާނާތްތެރިކަމާއެކު ހިތްމަތާއެކު ނުގުނޑާ އަޒުމުގައި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ޝަރަފު ލިބިވަޑައިގެންނެވީ. ދިގު ރާސްތާއި ގިނަ ދަތިތަކާ އިނާމު ލިބިވަޑައިގަތް ބޭފުޅުން ވާނީ ކުރިމަތިލައްވާ، ޤައުމަށްޓަކައި ގިނަ ޤުރުބާނީތައް ވެވަޑައިގެންފައި، އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ އާއިލާއަށް ވެސް ޝުކުރާ މަރުހަބާ އަރިސް ކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، 2021 ވަނަ އަހަރު ތަޢާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ ވަނީ އަރުވާފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.