ޚަބަރު

އޮޓޯމޮބައިލްސް ވިޔަފާރި ރެގިއުލޭޓްކޮށް ވިޔަފާރިއަށް ގެންނަ އުޅަނދުތައް މަގުމަތީގައި ނުބެހެއްޓޭގޮތް ހަދަނީ


  • މިމަސައްކަތް އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ

  • މާލެއާއި ހުޅުމާލޭގައި ރަޖިސްޓްރީނުކުރާ 1100 އަށްވުރެ ގިނަ 4 ފުރޮޅުލީ ވެހިކަލް އެބައޮތް

  • އޮޓޯމޮބައިލް ވިޔަފާރި މިހާރުކުރަނީ ގަވާއިދާ ޚިލާފަށް

އޮޓޯމޮބައިލްސް ވިޔަފާރިއަކީ ރެގިއުލޭޓްކުރެވިގެން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކުރިއަށްގެންދެވޭ ވިޔަފާރިއަކަށް ސަރުކާރުން ހައްދަވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"މާލެ ފަހި" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންވަނީ މާލެއަށް ކުރިމަތިވެފައިވާ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް މިމައްސަލައަށް ހުރިހާ އިދާރާއެއް ގުޅިގެން ހައްލު ގެންނަޖެހޭކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހެދޭނީ މާލޭގައި ދުއްވާ އުޅަނދުތައް މަދުކޮށް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ހިންގާފައިވާ ކަންކަން ހުއްޓުވައިގެންކަމަށެވެ.

މިގޮތުން ސަރުކާރުން މިވީ 8 މަސްދުވަހުގެ ތެރޭގައި މުހިންމު ގިނަ ފިޔަވަޅުތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުއްވާ ބަދަލުތަކެއް ގެންނަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މީގެކުރިން ގަރާޖު ނެތި ދައުރުކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން މިހާރު ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއާއެކު މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި މިހާރު ބެލެވިފައިވާކަމަށެވެ. މިއާއެކު ތޮއްޖެހިފައިވާ މާލެ އިތުރަށް ތޮއްޖެހުމުގެ މައްސަލަ ބޮޑުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަން ބަދަލުކުރައްވާނެކަމަށެވެ.

އެގޮތުން އޮޓޯމޮބައިލް ވިޔަފާރިއަކީ އެހެން ވިޔަފާރިއެކޭ އެއްފަދައިން ރަޖިސްޓަރކޮށްގެން ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރާ މަސައްކަތަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އޮޓޯމޮބައިލްސް ވިޔަފާރިއަކީވެސް އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރެގިއުލޭޓްކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެ. މާލލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއިތުން ނިމުމަކަށް ގެނެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މާލެ ފަހި ޕްލޭންގެ ދަށުން އޮޓޯމޮބައިލް ވިޔަފާރިތަކާއި ގުޅޭ މުހިއްމު ކަންކަން ތަންފީޒުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިމައްސަލަ ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަރވޭއިން މާލެއާއި ހުޅުމާލެގެ މަގުތަކުގައި ރަޖިސްޓަރް ނުކުރާ 1100 އަށްވުރެ ގިނަ 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަންވަނީ ފާހަގަވެފައެވެ.

މިއީ ވިޔަފާރީގެ ގަވާއިދުތަކާއި ޚިލާފަށް ކުރިއަށްގެންދާކަމަށްވުމުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެފަދަ އުޅަނދުތައް ގުދަން ކުރުމަށް މިވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ ވަކި ޞަރަޙައްދަކުން ބިން ކަނޑައަޅައި، ވިޔަފާރި އުޞޫލުން އެ ފަރާތްތަކަށް ޖާގަ ދޫކުރުމަށްވަނީ މިމަޝްރޫޢުގެ ދަށުން ހަމަޖެހިފައެވެ.