ޚަބަރު

ދަރުބާރުގެ އާބާތުރަފިލުވުމަށް ކުރިއަށްގެންދިޔަ މަސައްކަތް ނިމިއްޖެ


  • ދަރުބާރުގެ ތަރައްޤީކޮށްފައިވަނީ 1990 ވަނަ އަހަރުގެ ސާރކް ސަމިޓަށް

  • އޭގެފަހުން ޢިމާރާތް ބޮޑުކޮށްފައިވޭ

  • ފަހުގެ ތާރީޚެއްގައި ދަރުބާރުގެ އާބާތުރަފިލުވާ ތަރައްޤީކޮށްފައެއް ނުވޭ

  • މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބޮޑެތި އިވެންޓުތައް ބާއްވާ މުހިންމު ބިނާއެއް

ދަރުބާރުގެ މަރާމާތުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތް ނިމިއްޖެއެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަސައްކަތް އެވުޒާރާއިން ފެށީ މިމަހުގެ ތެރޭގައި ކަމަށެވެ.

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަށް ޢިމާރަތްކުރި ބިނާއެކެވެ. އެގޭފަހުންވަނީ، އެންމެ ފުރަތަމަ ބިނާކުރެވުނު ޢިމާރާތަށްވުރެ ބޮޑުކޮށް ޖާގަތަނަވަސްކޮށް ތަރައްޤީކޮށްފައެވެ.

އެކި ދުވަސްވަރު ދަރުބާރުގެ އާބާތުރަފިލުވާ އެތަނަށް ޚާއްސަ ސަމާލުކަމެއް ސަރުކާރުތަކުންވަނީ ދެއްވާފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ތަނުގައި އެތަނަށް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްޤީކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް ކުރެވިފައެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޢިމާރާތުގެ ބައެއް ދިމަދިމާއިން ބޭރުން ހަރުކޮށްފައިވާ ސްޓްރަކްޗަރ ވެއްޓި، އެތެރެއަށް ވާރޭ ވެހުމުގެ މައްސަލަތައްވެސް ކުރިމަތިވެފައިވެއެވެ.

ރާއްޖޭގައި ކުރިއަށްދާ މުހިންމު ހުރިހާކަމެއްގައި ސަރުކާރާއި ޢާއްމުން ބޭނުންކުރާ މި މުހިންމު ބިނާ ވީރާނާވާ ތަން ފެނުމަކީ ގިނަބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން ސަރުކާރުން މިހާރުވަނީ ދަރުބާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށްފައެވެ. ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މި ޖުލައި މަހުގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.


އެވުޒާރާއިން ވިދާޅުވީ، ދަރުބާރުގޭގެ ހަލާކުވެފައިވާ ފުރާޅު އެއްކޮށް ބަދަލުކޮށް، ހަލާކުވެފައިވާ ސީލިންގވެސް މަރާމާތުކޮށްފައިވާކަމަށެވެ. އަދި އެތެރެއާއި ބޭރުގެ ފާރު މަރާމާތުކޮށް އަލުން ޓައިލްސް ޖަހާފައިވާކަން އެވުޒާރާއިން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހަލާކުވެފައިވާ އޭސީތައް ބަދަލުކޮށް ސަރވިސްކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދަރުބާރުގޭ ހިރިޔާ މާލަމާއި ރަންނަބަނޑޭރި މާލަމުގެ ސްޓޭޖްގެ ކާރޕެޓްވެސް އެއްކޮށް ބަދަލުކޮށްފައިވާކަމަށެވެ.

ދަރުބާރުގެއަކީ ސަރުކާރުގެ ބޮޑެތި ޙަފްލާތަކާއި ޖަލްސާތައް ބާއްވާ މުހިންމު ބިނާއެކެވެ. މީގެއިތުރުން ޢާއްމުންގެ ގިނަ ބަޔަކު ބާއްވާ ކައިވެނީގެ ޕާޓީތައްވެސް އެތަނުގައި ބާއްވައެވެ. ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރިއަށްގެންދެވި އެންމެ ބޮޑު އޮޕަރޭޝަން ކަމުގައިވާ "ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު"ވެސް އެޙާލަތުން އަރައިގަނެވެންދެން ހިންގާފައިވަނީ ދަރުބާރުގޭގައެވެ. މީގެއިތުރުން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ އޮފީސްވެސް ހުންނަނީ ދަރުބާރުގޭގައެވެ.