ހދ. ކުމުންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށައިފިއެވެ. ކުމުންދޫ ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިންނެވެ.
ހދ. ކުމުންދޫއަށް ފެނާއި ނަރުދަމާގެ މައްސަލަ ކުރިމަތިވެ އެކަމަށް ޙައްލެއް ގެނައުމަށް އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެކި ސަބަބުކަތާހެދި މަސައްކަތް ލަސްވެފައިވީނަމަވެސް މިހާރު މަސައްކަތް އެއްކޮށް ނިންމާ އެމްޑަބްލިއުއެސްސީއިން ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މި މަސައްކަތް ކޮމިޝަންކޮށްފައިވަނީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ އިންޖިނިއަރުންގެ ޓީމަކުންނެވެ.
MWSC has successfully completed testing & commissioning of Hdh.Kumundhoo Water and Sewerage Project. #EkuveriMWSC #MWSCAsaasee pic.twitter.com/FXCCxuzfVo
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) July 24, 2024
މި މަޝްރޫޢުގެ ދަށުން އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތެއް ތަރައްޤީކޮށް ފެނާއި ނަރުދަމާގެ ހޮޅީގެ މައި ނެޓްވޯކް އަޅާ އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ހަމައެއާއެކު އެރަށުގައި ފެން ރައްކާކުރުމަށް ތާންގީ ބަހައްޓާ ބޯހޯލް ތޮރުފައި ޕަމްޕިންގ ސްޓޭޝާން ޤާއިމުކޮށް، ސީއައުޓް ފޯލް އަދި ރިޖެކް ލައިންވެސްވަނީ އަޅާފައެވެ. މިމަޝްރޫޢުގެ ދަށުން އެމްޑަބްލިއުއެސްސީއިންވަނީ އެރަށުގައި ފެން ތަހުލީލުކުރުމަށް ބޭނުންވާ ވަޞީލަތްވެސް ފޯރުކޮށްދީފައެވެ.
ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުންވަނީ 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މި ޚިދުމަތް ލިބުމުގެ ކުރިން 1400 އށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫ ރައްޔިތުން ބޭނުންކުރަމުންދިޔައީ ތަޣައްޔަރުވެފައިވާ ފެންކަމަށް އެރަށު ކައުންސިލުންވަނީ ފާހަގަކުރެއއެވެ.
އެހެންކަމުން ރަށުގައި ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދިޔުމަކީ އެރަށުގެ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެކެވެ.