ޚަބަރު

ތިނަދޫ ސިޓީގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް، ފެންހިންދާ ނިޒާމް ގާއިމްކޮށް ޙަވާލުކޮށްފި


  • ތިނަދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ

ތިނަދޫ ސިޓީގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެރަށުގައި ޤާއިމްކޮށްފައިވާ ފެން ހިންދުމުގެ ނިޒާމު ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީއެވެ.

ފެން ހިންދާ ނިޒާމެއް ތިނަދޫގައި ޤާއިމްކުރީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށްކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ގދ.ތިނަދުއަކީ ޒަމާނުންސުރެ ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަމާއި، މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނާއި، ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މި މަޝްރޫޢުން އާއްމުންނަށް ލިބިގެންދާނެ ފަސޭހަކަތަކަށް އަލިއަޅުވާލައްވާފައެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރުމަށް މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

" ބޮޑެތި ސިޓީތައް ތަރައްޤީކުރަަމުންދާއިރު، ވަރަށް ބޮޑަށް ދިމާވެފައިވަާ މައްސަލައެއް ފެންހިންދުމުގެ މައްސަލައަކީ، ކުރިއަށް އޮތްތަނުގައި، ސަރުކާރުން އިސްކަމެއްދީގެން މިފަދަ ރަށްތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދާނެ." ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ގދ.ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލީ ވުޒާރާ މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި މަޝްރޫޢުގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑްއެވެ.

މި ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 48,333,211.77 (ސާޅީސްއަށް މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ދުއިސައްތަ އެގާރަ ރުފިޔާ ހަތްދިހަ ހަތް ލާރި) ރުފިޔާއެވެ. ގދ.ތިނަދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 5,262.81 މީޓަރުގެ އަކުއަ ސެލް ނެޓްވޯކް އަކާއި 9,562.36m މީޓަރުގެ އެޗް.ޑީ.ޕީ.އީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.