ޚަބަރު

އިންތިޚާބުގެ ނަތީޖާއިން ފެނުނީ ރައީސަށް އޮތް ތާޢީދު އިތުރުވާތަން: ޢަބްދުއްރަޙީމް


  • 6 ބައި އިލެކްޝަންގެ ތެރެއިން 5 އިލެކްޝަން ޕީއެންސީން ކާމިޔާބުކުރި

  • ރައީސް ވަނީ ކެންޑިޑޭޓުންނާ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ޕީއެންސީން ކާމިޔާބު ކުރުމުން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާޢީދު އިތުރުވަމުންދާކަމުގެ ސާފު ހެކިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްހެ 6 ބައި-އިލެކްޝަންގެ ތެރެއިން ފަސް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީންނެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ ކެނޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން ދައްކައިދީފިކަމަށެވެ.

ބައި އިލެކްޝަން ބޭއްވީ ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި، ހުޅުމާލެ ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިޚާބުކުރުމާއި، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލް މެންބަރަކު އިންތިޚާބުކުރުމަށެވެ. އަދި ފ.ބިލެތްދޫ ކައުންސިލް ރައީސް އިންތިޚާބުކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުންވެސް ކުރިއަށްދިޔައެވެ.

މި 6 ބައި-އިލެކްޝަންގެ ތެރެއިން 5 ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުން އިންތިޚާބުގައި ކުރި ހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކުރައްވައެވެ.

މި 6 ދާއިރާގެ އިތުރުން އިތުރު 3 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރިއެވެ. ނަމަވެސް އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލެއްވުމުން އެ ތިން ދާއިރާގައި އިންތިޚާބު ނުބާއްވައެވެ. އެ ތިން ދާއިރާވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.

ވެރިކަން ކުރާ ޕީއެންސީން ދަނީ މިފަހަކަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައި ބޮޑެތި ކަމީޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސުޕަމެޖޯރިޓީއެއް އެ ޕާޓީން ހޯދިއެވެ. އޭގެ އިތުރުން މިހާތަނަށް ބޭއްވި ގިނަ ބައި-އިލެކްޝަންތައް އެޕާޓީން އިދިކޮޅު އެމްޑީޕީއާއި ވާދަކޮށް ބޮޑުތަނުން ވަނީ ކަމިޔާބުކޮށްފައެވެ.