ޚަބަރު

ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި


  • ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ވުޒާރާގެ ވެބްސައިޓުން ލިބޭނެ

ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް އިތުރު ރަށަކާއި ފަޅެއް ދޫކުރަން ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާއިރު މީގެ ކުރިން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރަން ކަނޑައެޅި ހަ ރަށުގެ ތެރެއަށް ނ. ދެކެނެންފަރު އާއި ނ. ދިގުފަރު ވަނީ އިތުރުކޮށްފައެވެ.

މިއީ 2022 ވަނަ ޖޫންމަހު ގެޒެޓުކޮށްފައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ރަށަކާއި ފަޅެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބޭނެ ކަމަށްވެސް އެ ވުޒާރާ އިން ވިދާޅުވިއެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއަރޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން މީގެކުރިން ވަނީ 6 ރަށެއް ކަނޑައަޅާފައެވެ. އެއީ ކްރޮސް ސަބްސިޑީގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅާފައިވާ ރަށްތަކެވެ. ނަމަވެސް، ކުރިއަށް އޮތް ތާނގައި މި ލިސްޓަށް އުނި އިތުރުކަން އަންނާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ގެންގުޅުނު ސިޔާސަތެކެވެ.