ޚަބަރު

އަންނަ އަހަރުން ފެށިގެން 200 މިލިޔަން ރުފިޔާ އިންސާނީ ތަރައްޤީއަށް ހޭދަކުރަން ރައީސް ނިންމަވައިފި


  • މި ފައިސާ ރަނގަޅު މުސާރަ ލިބޭ ވަޒީފާތަކަށް ހޭދަކުރައްވާނެކަމަށް ރައީސް ވިދާޅުވި

  • ކިޔަވައިގެން އައިސް ޤައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި

މިއަންނަ އަހަރުން ފެށިގެން ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 200 މިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޚާއްޞަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަރިވަރުން ކާމިޔާބީއާއި ހަމައަށް ވާސީލުވީ ގޮންޖެހުންތަކާއެކު ބުރަމަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް މަތީ ތަޢުލީމުގެ މަރުޙަލާގައި ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބީ ހާސިލްކުރަން ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ. ބޭރު ޤައުމުތަކަށް ގޮސް ދީނީ ކަންކަމަށް ސަމާލުކަން ދީ ޤައުމަށް ޚިދުމަތް ކުރާ ދަރިވަރުންތަކަށް ވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއިން މަތީ ތަޢުލީމު ޙާޞިލުކުރަން ބޭރަށް ދާ ދަރިވަރުން ޤައުމަށް އަނބުރާ އައިސް ޚިދުމަތް ކުރުމަށް ފަސްޖެހޭ ކަމަށެވެ. އެއީ މިވަގުތު ޙާލަތު އޮތްގޮތުންކަން ފާހަގަކުރައްވާ، އެންމެ އިސްކަމެއް ދެއްވައިގެން މިހާރު މަސައްކަތް ކުރައްވަނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން އެކުންދިން އަނބުރާ އައިސް އަމިއްލަ ދިރިއުޅުމެއް ފަށަން މަގުފަހިވެގެންދާނެ ކަމަށާއި، އެމަނިކުފާނުގެ މި ދައުރުގައި އެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިފާށާފައި އޮތް ގެދޮރުވެރިކަމުގެ އަމާޒު އިންޝާﷲ ހާސިލްކުރާނަން. އޭރުން ކުދިން އަމިއްލަ ދިރިއުޅުމެއް ފެށުމަށް ބޭނުންވާ ގެދޮރުވެރިކަމާއި އާއިލާ އެކީގައި އުޅުމަށް ބޭނުންވާނެ ގެދޮރުވެރިކަން. މިހުރިހާ އޮޕްޝަނަކަށް ވާގޮތަށް އިރާދަ ކުރެއްވީއްޔާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމަށް ޚިދުމަތްކޮށް ދިނުމަށް ގިނަ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށް އޮތް 4 ނުވަތަ 5 އަހަރު ތެރޭ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިވަގުތުވެސް ޚާއްސަ ދައިރާތަކުން ކިޔަވައިގެން އައިސްތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުޞަތު ނުލިބި ތިބިއިރު، ސަރުކާރުގެ މުސާރަ ކުޑަވުމުން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރުން ފެށިގެން 200 މިިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްޤީކޮށް ރަނގަޅު ވަޒީފާތަކަށް ބޮޑު މުސާރަ ދިނުމަށް ޚާއްސަ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އެކި ދައިރާތަކުން ކިޔަވާ ތިބޭ މީހުންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ދިނުމަށް މިއަންނަ އަހަރުން ފެށިގެން ކަނޑައަޅާނަން. ނާތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރއަށް ލިބޭ ވަރަށް ވުރެ ބޮޑު މުސާރައެއް ސަރުކާރުން ލިބުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ސަބަބުން ރާއްޖެއިން ބޭރުގައި މަޑުނުކޮށް ރާއްޖެ އައިސް އެކި ދާއިރާތަކުންނާއި އެކި ފަންނުތަކުން ސަރުކާރުގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ ޤައުމު ބިނާކުރުމަށް ފުރުޞަތު ފަހިކޮށްދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް މިއަންނަ އަހަރުން ފެށިގެން މި ފުރުޞަތުތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށްވެސް ރާއްޖެ އަނބުރާ އައުމުގެ ވިސްނުން ގެންގުޅެން ފެށުމަށް އެދިވަޑައިގެންފައެވެ. އެއީ އިޖްތިމާޢީ، ޢުމްރާނީ އަދި އިޤްތިޞާދީގޮތުން ޤައުމު އާރާސްތުކުރަން ކުރާ މަސައްކަތްތަކާއެކު ސަރުކާރުން ބޮޑު މުސާރަ ލިބިގެންދާނެތީ ކަމަށާއި، ގެދޮރުވެރިކަމުގެ މައްސަލަވެސް އަހަރަކަށްވުރެ އަހަރެއް ރަނގަޅު ކުރެވެމުންދާނެތީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.