ޚަބަރު

ހުޅުމާލޭ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް 11 ސަރަޙައްދަކަށް ބަދަލުތަކެއް ގެންނަނީ


  • މި 11 ސަރަޙައްދުގެ ތެރެއިން ބައެއް ސަރަޙައްދުތަކުގައި ވައްބުރު ހަދާނެ

  • މިއީ ފުލުހުންގެ ޑޭޓާ އަދި އެޗްޑީސީގެ ޑޭޓާއަށް ބެލުމަށްފަހު ގެންނަ ބަދަލުތަކެއް

ހުޅުމާލޭގައި މިހާރު ދިމާވާ ޓްރެފިކް މައްސަލަތައް ޙައްލު ކުރުމަށް ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ މި ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި އެކުގައި ކަމަށެވެ. އަދި މަގުތައް ބާރުބޮޑުވުމުގެ ސަބަބުން މަގުތައް ބޭނުން ކުރާ ފަރާތްތަކަށް މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މިއާއެކު ފުލުހުންނާއި އެޗް.ޑީ.ސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ޤާއިމްކުރާނެއެވެ. އަދި ބައެއް ސަރަޙައްދުތަކުގައި މަގު ނިޝާންތައް ހަރުކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

މިގޮތުން މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ނުވަތަ ނިޝާންތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އެކުންފުނިން ވަނީ މިއަހަރު ތެރޭގައި މި މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައެވެ.

މި މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.