ޚަބަރު

ހަނިމާދޫ އެއަރޕޯޓު އަންނަ މާޗުމަހު ބޭނުންކުރެވޭނެ: ވަޒީރު މުއްޠަލިބު


  • ރަންވޭގެ ހުރިހާ މަސައްކަތެއް ނިންމާ މިއަހަރުގެ އޮކްޓޯބަރު މަހު ބޭނުންކުރެވޭނެ

  • ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމަށާއި އެހެން ސިނާއަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ

  • މިއީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރާނެ މަޝްރޫއެއް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ 65 އިންސައްތައަށްވުރެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި ހުރިހާ މަސައްކަތެއް ނިންމައި އަންނަ އަހަރުގެ މާޗު މަހު ބޭނުންކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެރަށަށް ޒިޔާރަތްކުރައްވައި ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ. މިދަތުރުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ވަޒީރުންނާއި އިންޑިއާގެ ހައި ކޮމިޝަނަރުވަނީ ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން، މި މަޝްރޫއުގެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށް ތިން ބޭފުޅުންވެސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ މިމަޝްރޫއުގެ 65 އިންސައްތައަށްވުރެ ބޮޑުބައި ނިމިފައިވާއިރު ރަންވޭގެ ކުރެހުމުގެ މަސައްކަތާއި ލައިޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ހުރިހާ މަސައްކަތެއްހެން ނިމިފައިވާ ކަމަށެވެ. އަދި އެހެނިހެން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ނުފެށި ހުރީ ފިޔުލް ޖެޓީގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަންވޭގެ ހުރިހާ މަސައްކަތެއް ނިންމައި މިއަހަރުގެ އޮކްޓޯބަރު މަހު ބޭނުންކުރެވޭނެކަމަށް ބެލެވޭއިރު މުޅި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

"ޓާމިނަލް ބިލްޑިންގވެސް ވަރަށް މުހިންމު ބިލްޑިންގެއް. ދެން ހުރި ވަސީލަތްތައްވެސް ވަރަށް މުހިންމު ފުލީ ފަންކްޝަނަލްވުމަށްޓަކައި. އެހެންނަމަވެސް ރަންވޭގެ މަސައްކަތް ނިމޭއިރަށް ފެސެންޖަރ ޓާމިނަލްގެ މަސައްކަތް އެއްކޮށެއް ނުނިމޭނެ. އަޅުގަނޑުމެންނަށް މިހާރު ކޮންޓްރެކްޓަރާ ދެކެވޭ ވާހަކަތަކުގައި ލިބިފައިވާ ތާރީޚަކީ އަންނަ އަހަރުގެ މާޗު މަސް ނިމޭ ހިސާބުގައި ޕެސެންޖަރ ޓާމިނަލުގެ މަސައްކަތްވެސް ނިމި އަޅުގަނޑުމެންނަށް އެއްކޮށް އެއަރޕޯޓް ބޭނުންކުރެވޭނެ،" އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މިމަޝްރޫއާ ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އޮކްޓޯބަރު މަހުން ފެށިގެން ރަންވޭގައި އެއްވެސް ލިމިޓޭޝަނެއްނެތި ފްލައިޓުތައް އޮޕަރޭޓްކުރަން ފެށުމުން ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ފެންވަރު ރަނގަޅު އެއަރޕޯޓެއް ތަރައްގީ ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ހަމަގައިމުވެސް މިހާރު އިރާދަކުރެއްވިއްޔާ މިއެއަރޕޯޓް ހުޅުވިގެންދިޔައިމަ ރާއްޖޭގެ އުތުރަށް އެހެން ޤައުމުތަކުން ސީދާ ގޮތެއްގައި މިހިސާބަށް ނެރޯ ބޮޑީ އެއަރކްރާފްޓް ދަތުރުކުރުމުގައި އެއްވެސް ލިމިޓޭޝަނެއް ނޯންނާނެ. އަދި މި އެއަރޕޯޓަކީ ނެރޯ ބޮޑީގެ އޭ320-737 މި ސައިޒުގެ ފްލައިޓުތައް އޮޕަރޭޓްކުރުމަށް އެއްވެސް ލިމިޓޭޝަނެއް ނެތްގޮތަށް ޑިޒައިންކޮށްފައިވާ ޕްރޮޖެކްޓެއް،" ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ މިއީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމުމުން ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އިންޑިއާގެ ކުންފުނިތަކުގެ ގާބިލިއްޔަތުކަން ފެނިގެންދާނެކަމަށްވެސް އިންޑިއާގެ ހައިކޮމިޝަނަރު ވިދާޅުވިއެވެ.

"މި އެއަރޕޯޓްގެ ސަބަބުން ކަނެކްޓިވިޓީ ރަނގަޅުވާނެ. ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ. އަދި އެހެނިހެން އިޤްތިޞާދީ ކަންކަންވެސް ކުރިއަރައިގެންދާނެ. މި އެއަރޕޯޓުގެ ސަބަބުން މި ދެ ޤައުމުގެ ރައްޔިތުންވެސް އިތުރަށް ގާތްކޮށްލަދޭނެ." އިންޑިއާގެ ހައިކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިޤްތިޞާދާއި ސީދާ ގުޅިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފާހަގަކޮށްފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީކުރެވުމާއެކު ހަނިމާދޫން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.