ޚަބަރު

ޤުރްއާނުގައި ބަޔާންވެގެންވާ ރިވެތި އަޙްލާޤުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރަންޖެހޭ: ވަޒީރު


  • އަދަބުތަކަށްވުރެ ރިވެތި އަޙްލާޤުގެ ސިފަތައް ޤުރްއާނުގައި ބަޔާންވެފައިވާ މިންވަރު އިތުރުކަން ފާހަގަކުރެއްވި

  • ކީރިތި ޤުރްއާން ހިތުދަސްކުރާ ޒުވާނުންގެ އަދަދު އިތުރުވެފައިވާކަންވެސް ފާހަގަކުރެއްވި

ރިތިކޮށް ކީރިތި ޤުރްއާން ކިޔެވުމަށް އިސްކަންދޭފަދައިން، ޤުރްއާނުގައި ބަޔާންވެގެންވާ ރިވެތި އަޙްލާޤުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވާތާ 36 އަހަރު ވެގެންދިޔައިރު މި މުބާރާތަކީ އޭގެ ޒާތުގައި މަދަރުސާއެއްކަމަށެވެ. އަދި މިއީ ވަރަށް ގިނަ ހުނަރުވެރި ފަންނުވެރި މޮޅު ދަރިވަރުން، މުދައްރިސުން، އުސްތާޛުން އޭގެ ތެރެއިން ނެރުނު ބޮޑު ހަރަކާތެއްކަމަށެވެ.

އެހެންކަމުން މި މުބާރާތުގެ މުއައްސިސު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި މުބާރާތް އިތުރަށް ވަރުގަދަކޮށް، މުބާރާތުގެ ވާހަކަ ރަން އަކުރުން ފަވާލެވޭނެކަމާމެދު ޝައްކުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކީރިތި ޤުރްއާނުގައި ޢުޤޫބާތުގެ ވާހަކަތަކަށްވުރެ ރިވެތި އަޙްލާޤުގެ ވާހަކަތައް ބަޔާންވެފައިވާ މިންވަރު އެތައް ގުނައެއް އިތުރުކަމަށެވެ.

އެހެންކަމުން ޤުރްއާނުގައި ބަޔާންވެފައިވާފަދަ ރިވެތި އަޙްލާޤުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިޙްސާންތެރިވުމަށް، އުޚޫވަތްތެރިކަން ދެމެހެއްޓުމަށް، އެއްބައިވަންތަވުމަށް، މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތުމަށް، ޤީބަ ނުބުނަމަށް، ފުރައްސާރަނުކުރުމަށް، އެކަކު އަނެކަކަށް އަޅާލުމަށް، އަނބިދަރިންގެ ޙައްޤުތައް އަދާކުރުމަށް، އިޙްތިރާމްކުރުމަށް، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް، ރައްޔިތުންގެ ޙައްޤުތައް އަދާކޮށްދިނުމަށް، ޢަދުލް ޙުކުމް ކުރުމަށް، މިގޮތަށް ޤުރްއާނުގައި ބަޔާންވެފައިވާ ވަރުގަދަ އިޖްތިމާޢީ އަޙްލާޤިއްޔާތު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޤާއިމުކުރެވިއްޖެކަމަށްވަނީނަމަ އެއީ ޙަޤީޤީ ބާއްޖަވެރިކަމަކީ. އެހެންވީމަ މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެކަމަށްޓަކާ." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ފަހަކަށްއައިސް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރާ ޒުވާނުންގެ އަދަދު އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އަންނަ އަހަރުން ފެށިގެން ޙާފިޒުން ދަސްވެނިވާ ޙަފްލާއަކީ އެއީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޙަފްލާއާ ވަކިން ބޭއްވޭ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރާ ފަރާތްތަކަށް ރަންތާޖާއި، އެކަމުގެ ލިޔުން މިހާތަނަށް ޙަވާލުކުރަމުން ދިޔައީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަމަށް ބާއްވާ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، އެ ވުޒާރާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހިރާއްޖޭގައި ފެތުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅުގޮތުންވެސް މިކަމަށް ދެއްވާ އަޙައްމިއްޔަތުކަމަށެވެ. އަދި ޒުވާން ޖީލަށް ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަންތައްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.