ކުޅިވަރު

ފައިނަލް މެޗު ކުޅޭ އޮލިމްޕިއަސްޓޭޑަން އަކީ ކޮންތަނެއް؟


ބާލިން އަކީ ޖަރުމަނުގެ މައި ޝަހަރެވެ. ވެރިރަށެވެ. ޔޫރަޕުގެ މީހުންގެ މެދުގައި އެންމެ މަގުބޫލު ސިޓީ އެވެ. ޖަރުމަނުގައި ބާއްވާ ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ބާއްވަނީ ވެސް ބާލިންގަ އެވެ.

ޖަރުމަނުގައި މިރޭ ނިމޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭ އޮލިމްޕިއަސްޓޭޑަން ސްޓޭޑިއަމަކީ ޖަރުމަނުގެ ބާލިންގެ އޮލިމްޕިކް ޕާކުގައިވާ ހާއްސަ ބިނާ އެކެވެ. މަޝްހޫރު ބްރޭންޑަންބާގް ގޭޓާއި 368 މީޓަރު އުސް ޓީވީ ޓަވަރު ހުންނަނީ ވެސް ބާލިންގަ އެވެ. އެއްފަހަރާ ކުޅިބަލަން 74000 މީހުންނަށް ވަދެވޭ އޮލިމްޕިއަސްޓޭޑަން އެންމެ ފުރަތަމަ ބިނާކުރީ 1936ގެ އޮލިމްޕިކް ކުޅިވަރު މުބާރާތަށެވެ. އެ މުބާރާތުގައި މި ދަނޑަށް ކުޅިބަލަން ލައްކައަކަށްވުރެ ގިނަ މީހުން ޖަމާވި އެވެ. 2004 ވަނަ އަހަރު ވަރަށް ބޮޑަށް މަރާމާތުކޮށް މި ތަނުގެ ޑިޒައިން ފަހުން ވަނީ ވަރަށް ބޮޑަށް ފުޓްބޯޅަ އަށް ހާއްސަކޮށްފަ އެވެ. މިހާރު މިއީ ޖަރުމަނުގައި ފުޓްބޯޅަ ބަލަން އެންމެ ގިނަ ބަޔަކަށް ވަދެވޭ ސްޓޭޑިއަމެވެ.

1985 ވަނަ އަހަރުން ފެށިގެން ޖަރުމަނު ކަޕުގެ ފައިނަލް ކުޅެމުން އަންނަ މި ހާއްސަ ދަނޑަކީ މިހާރު ޖަރުމަނުގެ ހާތާ ބާލިންގެ ރަސްމީ ދަނޑެވެ. ވަށައިގެން ނޫ ޓްރެކެއް އަޅާފައި އޮތް ނަމަވެސް މިއީ ޔޫއޭފާގެ ހަތަރުވަނަ ކެޓަގަރީގެ ދަނޑެކެވެ. މި ފަހަރުގެ ޔޫރޯ ފައިނަލް މެޗާއެކު ޖުމުލަ ހަ މެޗު މި ދަނޑުގައި ކުޅޭނެ އެވެ. އޮލިމްޕިކާއި ދުވުމާއި ފުޓްބޯޅައިގެ އެތައް ހަނދާނެއް ތާރީހަށް ދޫކޮށްލާފައިވާ މި ދަނޑަކީ ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ވެސް ކުޅުނު ދަނޑެވެ. ފްރާންސް ބަލިކޮށް އިޓަލީން ތަށި އުފުލާލީ މިތަނުގައި ތިބެގެންނެވެ. އެ ހަނދާންތަކަށް 18 އަހަރު ފަހުން މިރޭ ޔޫރަޕުގެ އައު ޗެމްޕިއަނުން ތަށި އުފުލާލީ ވެސް މިރޭގެ ފައިނަލް މި ކުޅޭ ދަނޑުގަ އެވެ.