ޚަބަރު

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޔޫއެންޑީޕީއާއެކު އެއްބަސްވުމަކަށް


  • ދޭތެރެ ދޭތެރެއިން ބޭސް ލިބުމުގައި ދަތިތައް ދިމާވޭ

  • އެއްބަސްވުމާއެކު ބޭސް ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މާލީ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ދޭތެރެ ދޭތެރެއިން ބޭސް ލިބުމުގައި ދަތިތައް ދިމާވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން ބައެއް އާންމުން ފާޅުކުރެއެވެ.

މިކަންބޮޑުވުންތައް އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައިވެސް ބައެއް ހިއްސާދާރުން ވަނީ ފާޅުކޮށްފައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ބޭސްތައް އެތެރެކުރުމުގެ ހުރި ދަތިތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއާ ގުޅިގެން ޙައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގެ އާބާދީ ކުޑަވުމުން ވަރަށް ގިނަ ބޭސް ވިއްކާ ފަރާތްތަކާއި ޚާއްސަ ޑިސްޓްރިބިއުޝަންތަކުން ވަރަށް ފަހަތަށް ޖެހޭ އެސްޓީއޯގެ މިނިމަމް އޯޑަރ ކުއަންޓިޓީ މީޓް ނުވާނެ ބޭސްތައް ފޯރުކޮށްދޭން." ޝިމާދު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ މައްސަލަ ހައްލު ކުރުމަށް މާލީ ވުޒާރާއާއި ޔޫ.އެން.ޑީ.ޕީއިން އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށާއި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ޔޫ.އެން.ޑީ.ޕީއިން އެ ބޭސްތައް ފޯރުކޮށްދީ ކޯޕަންހޭގަންއިން އެއްކޮށްލުމަށްފަހު އެ ފޮނުވަންޖެހޭ ޤައުމުތަކަށް ފޮނުވާއިރު ރާއްޖެވެސް ހިމެނޭނެކަމަށް ޝިމާދު ވިދާޅުވިއެވެ.

އެ ބޭސްތައް އާސަންދައިގެ ޕޯޓަލްއަށް އިތުރުވެ، ޑޮކްޓަރުން ބޭސް ލިޔެދޭ ހިސާބުން އެކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ބޭސްފަރުވާގެ ނިޒާމް، އާސަންދަ ސްކީމުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށްކަމަށާއި، ބަޖެޓުގެ 65 އިންސައްތަ އެކަމަށް ޚަރަދުވާކަމަށް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޭސް ލިސްޓުގައި މިހާރުވެސް 14000 އަށްވުރެ ގިނަ ބްރޭންޑްތަކުގެ ބޭސް ހިމެނެއެވެ.