ޚަބަރު

އިޝާރާތުބަސް ދަސްކޮށްދޭ ކޯސް އޯގަސްޓް މަހު ފަށަނީ


  • ފުރަތަމަ ހުޅުވާލަނީ ސަރުކާރުގެ މުއައްސަސާތަކަށް

  • އެއީ ބޭސިކް، އެޑްވާންސް އަދި އެމްކިއުއޭ އެޕްރޫވްޑް ސެޓްފިކެޓް ލެވެލް 3

  • ކޯސް ކުރިއަށްގެންދަނީ އޮންލައިންކޮށް ކެންވާގައި

އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢާމަލާތު ކުރަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ސައިން ލެންގުއޭޖް ކޯސް ނުވަތަ އިޝާރާތުބަސް ދަސްކޮށްދޭ ކޯސް އަންނަ އޯގަސްޓް މަހު ފެށުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢާމަލާތު ކުރަން އެނގޭ ފަރާތްތައް ޚިދުމަތްދޭ މުއައްސަސާތަކުގައި ނެތުމުގެ ސަބަބުން އެފަރާތްތަކަށް ބޭނުންވާ އަސާސީ މުހިންމު ޚިދުމަތްތަކަކުންވަނީ މަޙުރޫމްވެފައެވެ. ސައިން ލެންގުއޭޖް ކޯހާއެކު މިމައްސަލައަށް ޙައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢާމަލާތު ކުރެވޭނެ ގޮތް ދަސްކޮށްދޭ "ސައިން ލެންގުއޭޖް" ކޯހާއެކު މުޢަމަލާތު ކުރުމުގައި ކުރިމަތިވަމުންދިޔަ ދަތިކަމަށް ޙައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިކޯހާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާން ވިދާޅުވީ، ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮންމެ ދިވެއްސަކަށްވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ޚިދުމަތެއްކަމަށެވެ. އަދި މިކޯހާއެކު މިހާދުވަހު އޮތް ބޮޑު ހުރަހެއް ނައްތާލެވި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ޚިދުމަތާހަމައަށް ވާސިލުވެވޭނެކަމަށެވެ.

3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މިކޯހުގައި ކުރިއަށްދަނީ ބޭސިކް އަދި އެޑްވާންސް ލެވެލް އަދި ސެޓްފިކެޓް ލެވެލް 3 ގެ އެމްކިއުއޭ އެޕްރޫވްޑް ބައެއްކަމަށް ޒުހުރުބާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ކިޔެވުން ފެށުމަށް. އަޅުގަނޑުމެން ޖުލައި މަހުގެ ފަހުކޮޅު ހުޅުވާލާނަން ކޯހުގައި ބައިވެރިވުމަށް." ޒުހުރުބާން ވިދާޅުވިއެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ބުރުގައި ހުޅުވާލަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އިދާރަތަކަށްކަމަށް ޒުހުރުބާން ވިދާޅުވިއެވެ. އެގޮތުން ކޮންމެ މުއައްސަސާއަކުންވެސް މަދުވެގެން އެއް ބޭފުޅަކު މިކޯހުގައި ބައިވެރިވުމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވިއެވެ.

މިކޯސް ކުރިއަށްގެންދަނީ "ކެންވާގައި" އޮންލައިން މީޑިއަމްއަށް އެމީހަކަށް ފަސޭހަ ގަޑިތަކުގައި ބައިވެރިވެ މަސައްކަތް ދެވޭ ވަކި މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރާގޮތަށެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ޝަހުދާ ވިދާޅުވީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 1500 އެއްހާ މީހުން ރާއްޖޭގައި އެބަތިބިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާތަނަށް އެފަރާތްތަކާއި މުޢާމަލާތުކުރުމަށް އެންމެ އެކަށީގެންވާގޮތުގައި ތަމްރީންތަކެއް ކުރިއަށްގެންދެވިފައިނުވާކަމަށެވެ.

މިވަގުތު ރާއްޖޭގައި މިދާއިރާއިން އަމިއްލަ މަސައްކަތުން އަދި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން މިކުދިންނާއި މުޢާމަލާތުކުރަން އެނގޭ ތިބީ ދެތިން މީހެއްކަން ޝަހުދާ ފާހަގަކުރެއްވިއެވެ.

"މިފަދަ ފަރާތްތަކުގެ ދިރިއުޅުމުގައި ވަރަށް ގިނަ ގޮންޖެހުން އެބަހުރި ވާހަކަދެއްކޭނެ ގޮތެއް ނެތުމުން. ތަޢުލީމާއި ސިއްހީ ޚިދުމަތް ފަދަ ކަންކަން ރަނގަޅަށް ނުލިބޭ. މިކުދިންނަށް ރަނގަޅާއި ނުރަނގަޅު ކިޔައި ނުދެވުމުގެ ސަބަބުން އެބަހުރި ކުދި ކުށްތަކަށްވެސް އަރައިގަނެވިފައި. އެއީ ނޭނގޭތި ގަވާއިދުތައް ބުނެ ނުދެވި ހުރީމަ." ޝަހުދާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤާނޫނު 2010 ވަނަ އަހަރު ވުޖޫދު ވީނަމަވެސް މިޤާނޫނު ލާޒިމްކުރާ ބައެއް ކަންކަން މިއަދާ ހިސާބަށްވެސް ފުރިހަމަ ކުރެވިފައެއް ނުވެއެވެ. މިގޮތުން އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ދައުލަތުގެ ތެރޭގައި މިހާތަނަށްވެސް ހަމަޖެހިފައެއް ނެތެވެ.