ޚަބަރު

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރޭތީ ދިވެހިން ސަމާލުވުމަށް އެދިއްޖެ


  • 'ބްރެއިން އީޓިން އެމީބާ އިންފެކްޝަން' އަކީ ސިކުނޑިއަށް ޖެހޭ ބައްޔެއް

  • ބަލި ޖެހެނީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑަށްދާ ޖަރާސީމަކުން

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާއި، އެ ސިޓީއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުއްވި ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ސަމާލުވުމަށް ކެރެލާގެ ޞިއްޙަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށާއި ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް 'އިޔަރ ބަޑް' އަދި 'ނޭސަލް ކްލިބް' ބޭނުންކުރުމަށް ވެސް ކޮންސިއުލޭޓުން އިލްތިމާސްކުރެއްވިއެވެ.

މި އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަނދުރާގެ ނާރު އެރުމާއި، ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.