ޚަބަރު

ޝަހީދު ކޮށްލާފައިވާ 60އަށްވުރެ ގިނަ މީހުންގެ ހަށިތައް ޣައްޒާ ސިޓީން ފެނިއްޖެ


ޣައްޒާ ސިޓީގައި ޔަހޫދީ ފައުޖުން ހިންގާފައިވާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ 60އަށްވުރެ ގިނަ މީހުންގެ ހަށިތައް ފެނިއްޖެއެވެ. ޣައްޒާ ސިޓީން ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ފެނިފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ރަށަށް އަރައި ހިންގި ގަތުލުއާންމުތަކުގެ ތެރެއިންނެވެ. ޝަހީދު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ހަށިތައް ވަނީ އަލް-އަހީލީ ހަސްފަތާލަށް ގެންގޮސްފައެވެ.

ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ގަތުލުއާންމު ހިންގުމަށް ފަހު ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ޣައްޒާ ސިޓީން ފައިބާފައިވާއިރު, އެ ރަށުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައެވެ. ޢާންމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިސްރާއީލުގެ އަސްކަރީ ޓޭންކުފަހަރުން އެ ރަށުން ފައިބާފައިވީ ނަމަވެސް, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އަދިވެސް ދަނީ އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ސްނައިޕަރ ބަޑީގެ ޙަމަލާތައް ދެމުންނެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ބުނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާއާއި ޞަބްރާ ސަަރަޙައްދުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުން 60އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. "ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ހަށިތަކާއި ހަށިގަނޑުގެ ބައިތައް. ބައެއް ޢާއިލާތަކުގެ ހުރިހާ މެންބަރުން އެއް ފަހަރާ ޝަހީދު ކޮށްލާފައިވޭ. އެއް ގޭގައި ދިރިއުޅޭ ޢާއިލާއެއް އެ ގޭގެ ތެރޭގައި ތިއްބައި ޔަހޫދީ ފައުޖުން ވަނީ އެ ތަނުގައި ހުޅުޖަހައި އަންދާލާފައި. އެ އެންމެން ޝަހީދު ކޮށްލާފައި،" ޣައްޒާގެ ސިވިލް ޑިފެންސް އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވިއެވެ.

ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުން ވަނީ ޣައްޒާ ސިޓީއަށް އަރައިގަތް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ކުރިމަތިލާފައެވެ. ޙަމާސާއި އިސްލާމިކް ޖިހާދުން ބުނީ, ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން މަރައިލާފައިވާނެ ކަމުގައެވެ. އަދި, އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ މި ކަން ކަށަވަރު ކޮށްދޭން ދެކޮޅު ހަދަމުންނެވެ.

ޣައްޒާ ސިޓީގައި ހިންގާފައިވާ ގަތުލުއާންމުތަކުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ އަހުލުވެރިންނަށް އިންސާނިއްޔަތާ ޚިލާފު އަދަބުތައް ވެސް ދީފައެވެ. އެ ރަށުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައިވާ މޫސާ އަލް-ދަޙްދޫޙް ބުނީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުން ހިފަހައްޓައި, ބިރުދައްކައި, ސުވާލު ކޮށްފަައިވާ ކަމުގައެވެ.

"އަޅުގަނޑުގެ މަންމައާއި އަންހެނުންނަށް ވެސް ހިނގައިބިނގައިވެ ނޫޅެވޭ. ދެ މީހުން ވެސް އުޅެނީ ފުރޮޅުލީ ގޮނޑީގައި. އަޅުގަނޑުގެ ކާފަ ދަރިފުޅަކީ ވެސް ދެފައިން ވާގިނެތިފައިވާ ކުއްޖެއް. އޭނާގެ ބައްޕަ އުޅޭނީ އޭނާ ކޮނޑު މައްޗަށް ލައިގެން،" ދަޙްދޫޙްގެ ޢާއިލާގެ މެންބަރުންނަށް ޔަހޫދީ ފައުޖުގެ ސިފައިން އަނިޔާވެރިކަން ދައްކާފައިވާ ކަން ހާމަ ކުރަމުން އޭނާ ބުންޏެވެ.

ޣައްޒާ ސިޓީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. މީގެ ތެރެއިން އެއް ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ އަލް-ޚައިރް ފައުންޑޭޝަންގެ ހަތަރު މުވައްޒަފުން ހިމެނެއެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ, ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރު ގުޅިގެން ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. "ޙަމާސުން އެންމެ ފަހުން ހުށަހަޅާފައިވާ ކަންކަމަށް [ޒަޔަނިސްޓު] އިސްރާއީލުން އަދިވެސް އެއްވެސް ޖަވާބެއް ނުދޭ،" މަޝްވަރާތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަން ފާހަގަ ކުރައްވައި ޙަމާސްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,345އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,295އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.