ޚަބަރު

ކަނޑައަޅާފައިވާ އަދަދު ހަމަވުމުން "ދަނޑުވެރި މަންފާ" ގްރާންޓަށް ފޯމު ބަލައިގަތުން މެދުކަނޑާލައިފި


  • މި ފުރުޞަތުގެ ދަށުން 10 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދޭ

  • މިއީ ހއ، ހދ އަދި ށ. އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ހުޅުވާލި ގްރާންޓެއް

ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ދަނޑުވެރި މަންފާ" ގްރާންޓަށް ފޯމު ބަލައިގަތުން މެދުކަނޑާލައިފިއެވެ.

މި ގްރާންޓަކީ ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ހުޅުވާލި ގްރާންޓެކެވެ. މި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ، "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމަށް މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާ ކަމަށެވެ. އެގޮތުން، އެ ވުޒާރާއިން ނިންމާފައިވަނީ މި ފުރުޞަތުގެ ދަށުން 10 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށެވެ.

10 މިލިޔަން ރުފިޔާއާ ހަމައަށް ގްރާންޓަށް އެދި ފޯމުތައް ލިބިފައިވާތީ ފޯމު ހުށަހެޅުމުގެ ފުރުޞަތު މެދުކަނޑާލާފައިވަނީ ވަގުތީގޮތުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރު ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ފަންޑުގައި އިތުރު ފައިސާ ހުރި މިންވަރަކުން އިތުރު ފުރުޞަތަށް ހުޅުވާލާނެ ކަމަށްވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދަނޑުވެރި މަންފާއަކީ ދަނޑުވެރިކަމާބެހޭ ވުޒާރާއާއި، އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ފުރުޞަތު ހުޅުވާލީ މިދިޔަ އެޕްރީލް މަހު ފިނޭންސް މިނިސްޓްރީއާއި އެސްޑީއެފްސީ އަދި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށަށް ޚާއްސަކޮށްގެން ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އެ ސިނާޢަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމީއްޔާތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެ ރަށްތަކުގައި ދަނޑުވެރި މަންފާ ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި، ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ގަތުމާއި، ގްރީންހައުސް ގަތުން އަދި އިންސްޓޯލްކުރުމުގެ އިތުރުން އިރިގޭޝަން އާއި ފަރޓިގޭޝަން ސިސްޓަމް ގަތުން ހިމެނެއެވެ.

ދަނޑުވެރި މަންފާގެ ދަށުން ހިލޭ އެހީ ދެނީ މަޝްރޫޢުގެ 30 އިންސައްތަ ނުވަތަ 50 އިންސައްތައަށެވެ. ބާކީ ޚަރަދުކުރަންޖެހޭނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުންނެވެ.