ޚަބަރު

ސީޕްލޭންގެ ޚިދުމަތް ރޭގަނޑުވެސް ދެވޭގޮތަށް ވޯޓަރ ރަންވޭއެއް ހަދަނީ


  • މިހާރު ސީޕްލޭން ޚިދުމަތް ދެނީ ދުވާލުގެ ވަގުތު އެކަނި

  • ރޭގަނޑު ސީ ޕްލޭންގެ ޚިދުމަތް މިއަހަރު ދިނުމަށް ދަނީ މަސައްކަތްކުރަމުން

ރޭގަނޑުގެ ވަގުތުގައިވެސް ސީޕްލޭން އޮޕަރޭޝަން ކުރިއަށްގެންދެވޭގޮތަށް، ދިއްލާފައި އޮންނަ ވޯޓަރ ރަންވޭއެއް އެޅުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގާ ޤައުމެވެ. ނަމަވެސް ސީޕްލޭން ނުވަތަ މޫދަށް ޖައްސާ ބޯޓުގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ދުވާލުގެ ވަގުތުތަކުގައި އެކަންޏެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއިއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ޕީކް ދުވަސްވަރު ގަޑިއިރެއްގެ ކޮންމެ މިނެޓަކަށްވެސް، ސީޕްލޭން މޫވްމަންޓު ހަދާކަމަށެވެ. ބައެއް ދުވަސްވަރު މި އަދަދު 70އަށް އަރާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ވިންޓަރ ސުޕަރ ޕީކް ސީޒަން އަންނަންވާއިރަށް ސީޕްލޭން އޮޕަރޭޝަނަށް ބަދަލުތަކެއް ގެނައުމަށް އަމާޒުހިފާފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު އާމާޒެއްގެގޮތުގައި ކަނޑައަޅާފައިވަނީ، ރޭގަނޑު ދަތުރުކުރެވޭނެ ގޮތަށް ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ސީޕްލޭން ޚިދުމަތް ދެނީ، ފަތިހުން ފެށިގެން، އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މިގޮތަށް ޚިދުމަތް ދެނީ، ރާއްޖޭގައި ރޭގަނޑު ސީ ޕްލޭނަށް ޖެއްސޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތުމުންނެވެ. ނަމަވެސް ސީޕްލޭންގެ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ، ވީހާވެސް ގިނަ ވަގުތަށް އޮޕަރޭޝަން ކުރިއަށްގެންދެވޭނެ ގޮތްތައް އެމްއޭސީއެލުން އަންނަނީ ބަލަމުންނެވެ.

ޝަރީފް ވިދާޅުވީ، ސީޕްލޭން ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރޭގަނޑު މި ޚިދުމަތް ދެވޭގޮތަށް ވަސީލަތްތައް ޤާއިމްކުރާނެކަމަށެވެ. މިއަހަރުގެތެރޭގައި ސީޕްލޭން ޖައްސާ ވޯޓަރ ރަންވޭގައި ލައިޓް ހަރުކޮށް، ޚިދުމަތް ފެށުމަކީ ޢަމާޒުކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިއީ ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމު މަސައްކަތަކަށް ވާނެ. މިހާރު ނިންމާފައި މިވަނީ ދިއްލާފައި އޮންނަ ވޯޓަރ ރަންވޭއެއް ހެދުމަށް. މިއަހަރު ވިންޓަރ ސުޕަރ ޕީކަށް ދާއިރު މި ޚިދުމަތް ޤާއިމުކުރާނަން. އޭރު ރޭގަނޑު 6ގެ ފަހުންވެސް ޚިދުމަތް ދެވޭނެ." އެމްއޭސިއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސީޕްލޭން ޚިދުމަތުގައި އައު އިޖާދީ ގޮތްތައް ދުނިޔޭގައި ހޯދަމުންދާއިރު، އެކަންކަން ރާއްޖެއަށް ތަޢާރަފުކުރުމަކީ ގެންގުޅޭ މުހިންމު ވިސްނުމެއްކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ އިންވެސްޓްޓަރުންނާ ވިޔަފާރިވެރިންގެ ޝަޢުގުވެރިކަން ހުރިނަމަ، އެކަމުގައި ދިވެހިރާއްޖެއިން ދޭންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ސީ ޕްލޭންގެ ތަފާތު ފަރުމާގެ ބޯޓުތަކާއި، ސީޕްލޭން ދުއްވުމުގައި އިޢާދަކުރަނިވި ހަކަތައިން ދުއްވޭނެ ގޮތްތައް ބެލުމަކީވެސް ޝަޢުގުވެރިކަން ހުރި ދާއިރާތައްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އެއަރ ޓެކްސީ ނުވަތަ ސީ ޕްލޭންގެ ޚިދުމަތް ރާއްޖޭގައި ފެށީ 1990ގެ އަހަރުތަކުގައެވެ. މިހާރު ރާއްޖޭގެ ސީޕްލޭން ފްލީޓުގައި 60އަށްވުރެ ގިނަ ސީޕްލޭން ބޯޓު ބޭނުންކުރެއެވެ.