ޚަބަރު

އައު ދައުރުގެ މެންބަރުން މާލީ ބަޔާން ހުށައަޅަންޖެހޭނީ އަންނަ އަހަރުގެ އޯގަސްޓު 31ގެ ކުރިން


  • ޤަވާއިދު ބަޔާންކުރަނީ މާލީ ބަޔާން ހުށައަޅަންޖެހޭނީ މެންބަރު އިންތިޚާބުވުމަށްފަހު 1އަހަރު ވުމުންކަމަށް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށައަޅަން ޖެހޭނީ އަންނަ އަހަރުގެ އޯގަސްޓު މަސް ނިމުމުގެ ކުރިންކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ މުއްދަތު ހަމަވީއިރުވެސް މެންބަރުން މާލީ ބަޔާން ހުށަނާޅާކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް ފުރިހަމަ ވުމުން ކަމަށެވެ.

އެގޮތުން މިއަހަރު މެއި 28 ވަނަ ދުވަހު 20 ވަނަ ދައުރަށް މެންބަރުން ހުވާ ކުރައްވާފައިވުމުން އެމެންބަރުން މާލީ ބަޔާން ހުށަހަޅަން ޤަވާއިދުގައި ބަޔާންކޮށްފައިވަނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމަށްފަހުކަމަށެވެ. އަދި އެ މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު މުއްދަކީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަސްކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މެންބަރުންގެ މާލީ ބަޔާން ޤަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޢާންމުކުރަމުން ދާކަމަށެވެ. އެގޮތުން ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައްވެސް ވެބްސައިޓުން ފެންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ 5 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާނީ މިއަހަރުގެ އޯގަސްޓް މަސް ނިމުމުގެ ކުރިން ކަމަށްވެސް ރައްޔިތުން މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.