ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން މިކްސްޑް ރެސިޑެންޝަލްއާއި ވިޔަފާރިއަށް ބިން ދޫކުރަނީ


  • މިކްސްޑް ރެސިޑެންޝަލްގައި އެޕަރޓްމަންޓްތައް އަދި ކޮމާޝަލް ސްޕޭސް ހުންނާނެ

  • ވިޔަފާރި އިމާރާތްތައް އަޅަން 4 ބިމެއް ދޫކުރޭ

  • 5000 އަކަފޫޓުން ފެށިގެން 11000އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިކްސްޑް ރެސިޑެންޝަން އަދި އިތުރު ވިޔަފާރިއަށް ފުރުޞަތުތައް ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހުޅުވާލާފައިވަނީ ހުޅުވާމާލެ ދެވަނަ ފިޔަވަހީގައި ވިޔަފާރި އުސޫލުން މިކްސްޑް ރެސިޑެންޝަން ނުވަތަ އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ބިން ދޫކުރުމާއި، އެކި ކަހަލަ ވިޔަފާރިކުރުމަށް ޚާއްސަ އިމާރާތް އެޅުމަށެވެ.

އެޗް.ޑީ.ސީން ބުނީ މި މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭންވެސް ތަރައްޤީކޮށްފައިވަނީ ސޯޝަލް ހައުސިންގެ އިތުރުން، ވިޔަފާރީގެ ގިނަ ފުރުސަތުތަކަށްވެސް ހުޅުވާލައިގެންނެވެ.

ދެވަނަ ފިޔަވަހިން މިކްސް ރެސިޑަންޝަން ޕްރޮޖެކްޓް ހިންގުމަށް ދޫކުރާ ބިމަކީ، 10 ބުރިއަށް އިމާރާތްކުރެވޭގޮތަށް ދޫކުރާ ބިންތަކެވެ. އެތަނުގައި ދިރިއުޅުމަށް ދޫކުރާ އެޕަރޓްމަންޓްތައް އަދި އިމާރާތުގެ ތިރީގައި ވިޔަފާރިކުރެވޭގޮތަށް ޖާގަ ހުންނާނެއެވެ.

މީގެއިތުރުން ދެން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަފާރި ހިންގުމަށް ޚާއްސަ އިމަރާތްތަކެއް އެޅުމަށެވެ.

އެޗްޑީސިން ބުނީ މިއީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް، ފަސޭހަކަމާއެކު ވިޔަފާރިކޮށް އެކިކަހަލަ ޚިދުމަތްތައް ހޯދުމަށް އަޅާ އިމަރާތްތަކެއްކަމަށެވެ. ވިޔަފާރިއަށް 4 ބިމެއް ދޫކުރުމަށް ވަނީ ހިމަނާފައެވެ.

އެއީ ގާތްގަނޑަކަށް 5000 އަކަފޫޓުގެ ބިމަކާއި، 7000 އަކަފުޓުގެ ބިމަކާއި، 10150 އަކަފޫޓުގެ ބިމެއްގެ އިތުރުން 11000 އަކަފޫޓުގެ ބިމެކެވެ. މި ބިންތައް ދޫކުރަނީ ލޭންޑް ސޭލް މޮޑެލްއަށެވެ. މި މޮޑެލްގައި ބިންތައް ތަރައްޤީކޮށް ވިޔަފާރިތައް ހިންގާ ބެލެހެއްޓުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވަނީ ވަކި މުއްދަތެއް ނެތްގޮތަށެވެ. އެޗް.ޑީ.ސީން ބުނީ ބިންތައް ދޫކުރާނީ، ހުލުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ބާރު ލިބޭގޮތަށް ހުށައަޅާ ޚިޔާލުތަކަށް ބެލުމަށްފަހުގައި، އެންމެ ރަނގަޅު ޚިދުމަތްތަކެއް ދޭން ހުށައަޅާ ޑިވެލޮޕަރުންނަށްކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް، އެތަނުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ދަނީ ކުރަމުންނެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކާއި އަދި އަމިއްލަ މީހުން ތަރައްޤީކުރަމުންދާ ތަންތަނާއެކު، ދެވަނަ ފިޔަވަހީގެ އާބާދީ އަންނަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 1000އަށްވުރެ ގިނަ ބިމާއެކު، ކުރިއަށްއޮތްތާންގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުތަނުން އިތުރުވާނެއެވެ.

މި އާބާދީއަށް ބޭނުންވާ އާއްމު ޚިދުމަތްތަކާއި އަދި އެހެންވެސް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް، މާސްޓަރ ޕްލޭނާ އެއްގޮތަށް އެޗް.ޑީ.ސީން ދަނީ ކުރިއަށްގެންދަމުންނެވެ.