ޚަބަރު

މަތީ ސާނަވީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު މާލެއާއި އަތޮޅުތަކުގައި އިތުރުކޮށްދޭނަން: ރައީސް


  • މަތީ ސާނަވީ މަރުހަލާއަކީ މުސްތަޤްބަލު ބައްޓަންކުރަން ލިބޭ ފުރުސަތެއްކަން ފާހަގަކުރެއްވި

  • މިއަހަރުގެ ތެރޭގައި 23 ރަށެއްގައި އަލަށް އޭ ލެވެލް ކިޔަވައިދޭން ފަށާނެ

  • މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގްރާމް ސެޕްޓެމްބަރުމަހު ފެށުމަށް ދަނީ ތައްޔާރުވަމުން

މަތީ ސާނަވީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް މާލެއާއި އަތޮޅުތަކުގައި މިހާރަށްވުރެ އިތުރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.އީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތީ ސީ.އެޗް.އެސް.އީގެ އިސްދަރިވަރެއްގެ ހައިސިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީ.އެޗް.އެސް.އީގައި މަތީ ސާނަވީ ތަޢުލީމު ހާސިލުކުރެއްވީ 1995 އަކުން 1997 އަކަށެވެ.

އަހަރީ ދުވަހުގެ ޚާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ސީ.އެޗް.އެސް.އީއަށް ވަޑައިގަތުމުން އެ ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުންގެ ފަރާތުން ވަނީ ރަތްދޫލައިގެ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސްގެ އިތުރުން މިހާރުގެ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުވެސް މަތީ ސާނަވީ ތަޢުލީމު ހާސިލުކުރެއްވީ ސީ.އެޗް.އެސް.އީންނެވެ.

ސީ.އެޗް.އެސް.އީގެ 45 ވަނަ އަހަރީ ދުވަހުގެ ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސީ.އެޗް.އެސް.އީއަކީ އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގައިވެސް މުހިންމު ހަނދާންތަކެއް ހިމެނޭ ތަޢުލީމީ ބިނާއެއްކަމަށެވެ. އަދި އަހަރީ ދުވަހު ދަރިވަރުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއްކަމަށެވެ.

މަތީ ސާނަވީ މަރުހަލާއަކީ ދަރިވަރުންގެ މުސްތަޤްބަލު ބައްޓަންކުރަން ލިބޭ އެންމެ މުހިންމު މަރުހަލާކަން ފާހަގަކުރައްވާ ރައީސް ވަނީ މި އަމިއްލަ ހަޔާތަށްޓަކާ މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ކާމިޔާބު ހާސިލުކުރުމަށް ވަރުގަދަ އަޒުމެއް އޮންނަންޖެހޭކަމަށާއި، އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އޮތުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ދަރިންނަކީ ޤައުމުގެ މުސްތަޤުބަލުކަމަށާއި، ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަކީ ޤައުމީ ލޯބި ހުންނަންޖެހޭނެ ބައެއްކަންވެސް ފާހަގަކުރެއްވިއެވެ.

"ކާމިޔާބީ ހާސިލުކުރުމުގައި ވަރަށް މުހިންމުކަމެއް ވަރަށް ވަރުގަދަ އަޒުމެއް ހުރުން. ކޮންމެ ކަމެއްގައިވިޔަސް ކާމިޔާބު ހާސިލުވާނީ އަމިއްލަ ނަފްސަށް އިތުރުބާރުކޮށްގެން ފުރަތަމަ ކަމަކަށް. ތިމަންނަގެ ކިބައިގައި އެބަހުއްޓޭ އެކަމެއް ހާސިލުކުރުމުގެ ފެންވަރު، އެ ގެރެންޓީ، އެ ކޮންފިޑެންސް އަމިއްލަ ނަފްސަށް އޮންނަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެއްކަމަށެވެ.

އެގޮތުން މާލެއާއި އަތޮޅުތަކުގައި މަތީ ސާނަވީ ތަޢުލީމަށް ހުރި ފުރުޞަތުތައް މިހާރަށްވުރެ ފަހިކޮށް، ފެންވަރު ރަނގަޅު މުދައްރިސުން ބިނާކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާވެސް މަސައްކަތްކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް އިތުރުކުރަން ނިންމާފައިވަނީ. މާލޭގައިވެސް އިރާދަކުރެއްވިއްޔާ ހަމަ މިއަހަރު އަދި މި އަންނަ އަހަރު އެއަށްވުރެ ފުޅާކޮށް ފުރުޞަތު ލިބޭނެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް." ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ވަނީ ހުޅުމާލޭގައި ހުރި ސީ.އެޗް.އެސް.ސީގެ އައު އިމާރާތުގައި ތަޢުލީމު ހާސިލުކުރުމަށް މާލެއިންދާ ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށްޓަކާ މާލޭގައި ހުރި ސީ.އެޗް.އެސް.އީގެ އިމާރާތުގައިވެސް މިއަހަރު އޭ ލެވެލްއަށް ކިޔަވައިދޭން އަލުން ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

މިއީ ރައީސްގެ ޚާއްސަ އިސްނެންގެވުމަކަށް ނިންމެވި ނިންމެވުމެއްކަމަށާއި، މިކަމުގެ ސަބަބުން ޕްރައިވެޓް ސްކޫލްތަކަށް ދައްކަންޖެހޭ ފީ ކުޑަވެ، ޚަރަދުތަކެއް ކުޑަކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ސްޓެޓިސްޓިކްސްތަކަށް ބަލާއިރުގައި މާލެއިން ހުޅުމާލެއަށް ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުން ކޮންމެ ދުވަހަކު އަވީގައި، ވަރޭގައި، މޮޓޯ ސައިކަލުގައި ވަރަށް އުނދަގޫ ދަތުރުތަކެއް ކުރަމުން އެބަދޭ. އަދި މީގެ އިތުރަށް މާލޭގައި ސަރުކާރުން މަތީ ސާނަވީ ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ނެތުމުގެ ސަބަބުން ކުރިން މަތީ ސާނަވީއަށް ހޭދަކުރަމުންދިޔަ ހޭދައަށްވުރެ އެތައް ގުނައެއް ޕްރައިވެޓް ސްކޫލްތަކަށް ފީދައްކަން މިވަނީ މަޖުބޫރުވެފައި." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

"ސައިންސް އެޑިޔުކޭޝަން ސެންޓަރ" އެސް.އީ.ސީގެ ނަމުގައި މި ސްކޫލް ހުޅުވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 3 ޖުލައި 1979 ގައެވެ.

އެންމެ 4 މުދައްރިސުންނާއި 47 ދަރިވަރުންނާއެކު ކިޔެވުން ފެށި މި ސްކޫލުގައި މިހާރު 1700 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މިއީ މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި ސަރުކާރުގެ ފުރަތަމަ އަދި އެންމެ ދުވަސްވީ ސްކޫލެވެ.

މި ސްކޫލުގެ ނަން މިހާރު ބޭނުންކުރާ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.އީގެ ނަމަށް ބަދަލުކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެގޮތުން ހުޅުމާލޭގައި އެ ސްކޫލުގެ އައު އިމާރާތެއް އަޅާ ކިޔަވައިދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. 6 ފަންގިފިލާގެ އައު ސްކޫލުގައި 38 ކްލާސް ރޫމް ހިމެނެއެވެ. މިއީ އެއް ދަންފަޅިއަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

ސީ.އެޗް.އެސް.އީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި ދުވަހާގުޅޭ ޚާއްސަ ކޭކް ފެޅުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ސްކޫލުގެ ހުރިހާ ކްލާހެއް ތަމްސީލުވާނެހެންނެވެ.