ޚަބަރު

6 ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި


  • ފަތްކޮޅު އެރުވި 6 ޤައުމަކީ ލަންކާ، ނޭޕާލު، އެރިޓްރިއާ، ކޮލަމްބިއާ ފިލިޕީންސް އަދި އިޓަލީ

  • މި ބޭފުޅުން ފަތްކޮޅު އަރުވާފައިވަނީ ވަކިވަކިން ބޭއްވެވި ރަސްމިއްޔާތެއްގައި

  • މީގެތެރެއިން ބައެއް ސަފީރުން ކަނޑައަޅާފައިވަނީ ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި

6 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވާފައިވަނީ، އަވަށްޓެރި ސްރީލަންކާ، ނޭޕާލު، އެރިޓްރިއާ، ކޮލަމްބިއާ، ފިލިޕީންސް އަދި އިޓަލީން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ރަސްމީއްޔާތުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޕެލްޕޮލަގެ ރަންގަ ސުޖީވާ ގޫނަވަރދެނާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މި ރަސްމީއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ތަޢުލީމާއި، ސިއްޙީ ދައިރާގެ އިތުރުން އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމެންޓު އިތުރުކުރުމަށް، މަޝްވަރާ ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން ސްރީލަންކާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި ފެންވަރު ރަނގަޅު ޓީޗަރުން ރާއްޖެއަށް ގެނައުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.

ނޭޕާލުގެ އައު ސަފީރު ބަޝޫ ދޭވް މިޝްރާވެސް ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. ރަސްމީއްޔާތަށް ފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް، ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ނޭޕާލް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މުޅިއެކު 6 ޤައުމެއްގެ ސަފީރުން ފަތްކޮޅު އެރުވިއިރު އެރިޓްރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަލެމް ސަހާއި ވުލްދެމާރިއަމް ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އޮތް ރަސްމީއްޔާތެއްގައެވެ. އެ ރަސްމީއްޔާތަށްފަހު، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިސާދާއި ވިޔަފާރި ކުރިއެރުވުމުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި އެކިއެކި ދާއިރާތަކުގައި އެއްބާރުލުންދިނުން ހިމެނެއެވެ.

ކޮލަމްބިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ޑރ. ވިކްޓަރ އެޗެވެރީ ޖަރަމިލޯ އެވެ. އެމަނިކުފާނު ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތައުލީމުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި އަދި އިޢާދަކުރުވެނި ހަކަތައިގެ ބޭނުން ކުރެވޭނެ ގޮތްތައް ހިމެނެއެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ޤައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ފިލިޕީންސްއެވެ. އެ ޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލިއޯ ޓީޓޯ އެލް. އައުސަން، ޖޫނިއަރ، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ދައިރާތަކުގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދު އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މިއަދު ފަތްކޮޅު އެރުވި ޤައުމުތަކުގެ ތެރެއިން ފަހު ޤައުމަކަށް ފަތްކޮޅު އަރުވާފައިވަނީ، އިޓަލީގެ ސަފީރެވެ. އެ ޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ޑެމިއާނޯ ފްރެންކޮވިގްއެވެ. އެ ރަސްމީއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި، މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި، ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނެއެވެ.

6 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވިއިރު، މީގެ ތެރެއިން ބައެއް ސަފީރުންނަކީ ނޮން-ރެޒިޑެންޓް ސަފީރުންނެވެ.