ޚަބަރު

ވީއައިއޭގައި ތަރައްޤީގެ ހަޤީޤީ ކުލަ ޖައްސައިދޭނީ މި ސަރުކާރުން: ނައިބު ރައީސް


  • ވީއައިއޭގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަކީ ސަރުކާރުން އިސްކަންދެއްވާކަމެއް

  • އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވައްސެއްވެސް ސަރުކާރުން ވަނީ އިޢުލާންކޮށްފައި

ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީގެ ހަޤީޤީ ކުލަ ޖައްސައިދޭނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އަލަށް ޤާއިމުކުރި ފަޔަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ނައިބު ރައީސް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ފަޔަރ ފައިޓަރުންގެ ޚިދުމަތަކީ ޤައުމީ ބޮޑު ޚިދުމަތެއްކަމަށާއި، އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން އިންސާނިއްޔަތަކަށްޓަކާ އެމީހުން އެކުރާ މަސައްކަތަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ޚިދުމަތެއްކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަން ކުރިއަރުވާ އިތުރު ހަރުފަތަކަށް ގެންދިއުމުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓުގެ ތަރައްޤީއާއި ކުރިއެރުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅާއި މިންވަރުފުޅުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެމަނިކުފާނު އެގެންދަވަނީ މި އެއަރޕޯޓުގެ އައު ތަޞައްވުރާ އެކީގައި އެ ގެންނަ ބަދަލުތަކާއެކީގައި ޒަމާނީ ކުލަޖެހިގެންދާފަދަ ގިނަ ޚިދުމަތްތަކެއް މިތަނުން ފޯރުކޮށްދެވޭނެ ކަންކަން ކަށަވަރުކުރައްވަމުން." ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފް ވިދާޅުވީ، އެއަރޕޯޓުގެ އޮޕަރޭޝަންތައް ރައްކާތެރިކަމާއެކީ ކުރިއަށްގެންދިއުމުގައި ފަޔަރ ސްޓޭޝަންގެ ދައުރު މުހިންމުކަމަށެވެ.

އަލަށް މި ހުޅުވުނު ފަޔަރ ސްޓޭޝަނާއެކު، އެއަރޕޯޓާއި، މާލޭ ކައިރީ ސަރަޙައްދުގައި ހިނގާ އަލިފާނުގެ ޙާދިސާތަކާއި، ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަކީ ނަމޫނާ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމަކީ އެއްގަމާއި މޫދުގައިވެސް ކަމެއް ދިމާވެއްޖެއްޔާ އެކަމަށް އެޓެންޑްކުރަން ތިއްބެވި ޤާބިލު ޓީމެއް. މިއަދު މި ހުޅުވިގެންދާ ފެސިލިޓީއާއެއްކޮށް ކާރިސާއެއް ހިންގައިފިކަމަށްވާނަމަ ގިނަވެގެން 3 މިނެޓް ތެރޭގައި އެބޭފުޅުން އެ ސީނަކަށް ވާޞިލުވުމުގެ ޤާބިލުކަން ލިބިގެންދާނެ." އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޝަރީފް ވިދާޅުވީ، ވީ.އައި.އޭގެ ތަރައްޤީގެ މަސައްކަތްތައް އަވަސްކޮށް ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ އެއަރޕޯޓަކަށް ހެދުމަށް އެމް.އޭ.ސީ.އެލްގެ މުޅި ޓީމް އޮތީ ތައްޔާރަށްކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އަލަށް ހުޅުވި ފަޔަރ ސްޓޭޝަންގެ ޚިދުމަތްތަކާއި ވަސީލަތްތައް ދައްކުވައިދޭ ޚާއްސަ ފަޔަރ ޑްރިލްއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ބައްލަވާލައްވާފައެވެ. މި ފަޔަރ ޑްރިލްގައި މައިގަނޑު 3 ސީނެއްގައި އަލިފާން ނިއްވާ ޓީމް ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދިނެއެވެ.

އެގޮތުން އެއަރކްރާފްޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި ޙާލަތެއްގައާއި، ރަންވޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފައި ޙާލަތެއްގައި މުޅި ސްޓޭޝަން އެލާޓަށް ގެނެސް އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލްތަކާއި ފަޔަރ ފައިޓަރުންގެ ޓީމުން ހަރަކާތްތެރިވާނެގޮތް ދައްކުވައިދީފައިވެއެވެ. އަދި މިފަދަ ސީނެއްގެ ތެރެއިން މެޑިކަލް އިމަރޖެންސީއެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެގޮތްވެސް މި ޑްރިލްގެ ތެރެއިން ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ވީ.އައި.އޭގައި އަލަށް ހުޅުވި ފަޔަރ ސްޓޭޝަންގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.