ޚަބަރު

ގްރޫޕުގެ އެއްވަނަ ލިބުމަކީ ގަބޫލުކުރަންދަތި، ވަރަށް ބޮޑު ކާމިޔާބީއެއް: ރަންގްނިކް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި ރޭ ނެދަލެންޑްސް އަތުން 2-3 އިން މޮޅުވި މެޗަށްފަހު އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ވަނީ، ޔުއެފާގެ ގައުމީ ޓީމުތަކުގެ ރޭންކިންގ އަށް ބަލާއިރު އެންމެ އުނދަގޫ ގްރޫޕުގެ އެއްވަނަ ލިބުމަކީ ގަބޫލުކުރަންދަތި، އަދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފައެވެ.

އޭނާގެ ޓީމުން މުބާރާތް ފެށީ ނަސީބު ދެރަކޮށް ފްރާންސް މެޗުން ބައިކޮޅަށް ވަތް ލަނޑުން ކަމަށާއި، އެއަށްފަހު ދެން ކުޅުނު ޕޮލެންޑް މެޗުގައި ވަރަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާ ކާމިޔާބު ހޯދުމަށްފަހު އަނެއްކާ ފަހު މެޗުން މޮޅުވެ، އެ ގްރޫޕުގެ އެއްވަނަ ލިބުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ރަންގްނިކް ފާހަގަކުރިއެވެ.

ރަންގްނިކް ބުނީ، އޭނާގެ ޓީމުގެ ކުޅުންތެރިން މިހާތަނަށް ކުރަމުންއައި މަސައްކަތްތައް ކުރިއަށްގެންދަންޖެހޭނެ ކަމަށާއި، އަދި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަންނަ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށާއި، ބަދަލުގައި ކުޅެންއެރި ކުޅުންތެރިން ވެސް ތަފާތު ކަމެއް ދައްކުވައިދީފައިވާ ކަމަށެވެ.

ރަންގްނިކް ވަނީ، އޭނާގެ ޓީމަށް ގެނައި ބަދަލުތަކާއެކު އެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ތައުރީފު ހައްގު މޮޅު ކުޅުމެއް ކަމަށް ފާހަގަކޮށްފައެވެ.

ރަންގްނިކްގެ ވާހަކައިގައި ވަނީ، ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުން ހައްގީ އޭނާގެ ޓީމު ކަމަށާއި، މެޗު ފެށިގެން އެ ވިސްނުމުގައި ކުޅުނީ އޮސްޓްރިއާ ކަމަށް ބުނެފައެވެ. އަދި، އެކަން ވަރަށް ރަނގަޅަށް ދަނޑުމަތީގައި ވަރަށް ފުރިހަމަ އަށް އޮސްޓްރިއާ އިން ދައްކައިދިން ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން، އޮސްޓްރިއާ ކޮޅަށް ވަތް ލަނޑުތަކާއެކު ވެސް ހުއްޓުމެއްނެތި ކުރި ބުރަ މަސައްކަތާއެކު ތަނަވަސްކުރި ފުރުޞަތުތަކުގެ ބޭނުންހިފައި ނަތީޖާ ބަދަލުކޮށްލީ ކަމަށް ވެސް ރަންގްނިކްގެ ވާހަކައިގައި ފާހަގަކުރިއެވެ.