ޚަބަރު

ގްރޫޕް ސީގެ ފަހު ދެ މެޗު އެއްވަރު، އިންގްލަންޑާއެކު ޑެންމާކް އަދި ސްލޮވީނިއާ ދެވަނަ ބުރަށް


ގްރޫޕް ސީގެ ފަހު ދެ މެޗު އެއްވަރުވެ، އިންގްލެންޑާއެކު ޑެންމާކާއި ސްލޮވީނިޔާ ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ގްރޫޕް ސީގެ ފަހު ދެ މެޗު ވެސް އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މެޗަށް ނިކުއިންއިރު ވެސް ގަދަ 16 ޔަގީންވެފައި އޮތް އިންގްލެންޑަށް ސްލިވީނިޔާ އަތުން މޮޅުނުވެވުނަސް ތިން މެޗުން 5 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނަ ވަނީ ކަށަވަރުވެފައެވެ. އިންގްލެންޑް އަތުން ހޯދި ޕޮއިންޓާއެކު ވެސް ސްލޮވީނިޔާ އަށް ލިބުނީ ގްރޫޕްގެ ތިންވަނަ އެވެ. އެކަމަކު ތިންވަނަ ސްލޮވީނިޔާއަށްވެސް ނޮކުއައުޓް ބުރުން ޖާގަ ލިބެއެވެ. ދެވަނަ ހޯދައިގެން ނޮކުއައުޓް ބުރަށް ދަތުރުކުރީ ޑެންމާކެވެ. އެއީ ސްލޮވީނިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލާއި ޖެހި ގޯލް އެއްވަރުވުމުން، ޑިސިޕްލިނަރީ ރެކޯޑް ބެލިރިއިރު އެރެކޯޑްވެސް އެއްވަރުވުމުން ކޮލިފިކޭޝަންގެ ނަތީޖާއަށް ބަލައިގެންނެވެ. ދެޓީމް އެއްވަރުވުމުން ދެވަނަ ލިބޭނެ ޓީމެއް ކަނޑައެޅީ ކޮލިފައިންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށް ބަލައިގެންނެވެ. އިއްތިފާގުން ދެޓީމް ކޮލިފައިންގައި ވެސް ވާދަކުރީ އެއް ގްރޫޕެއްގައެވެ.

އިންގްލެންޑަށް ސްލޮވީނިޔާ ކައިރީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތަކެއް ނުހޯދެއެވެ. ބަދަލުގައި ސްލޮވީނިޔާއިން ވަނި ރަނގަޅަށް ޑިފެންސް ކޮށްފައެވެ. އިންގްލެންޑުން ހޯދި މަދު ފުރުޞަތު ތަކަށް ބަލާއިރު 19 ވަނަ މިނިޓްގައި ފޮޑެން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ފާހަގަކުރެވެއެވެ. އެ ބޯޅަ ސަކާ އެއްފަހަރުން ޖަހާ ގޯލަށް ފޮނުވާލިޔަސް އޭނާ ހުރީ އޮފްސައިޑްގައެވެ. އެހެންކަމުން ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ.

ޑީއޭރިޔާ ބޭރުން ފޮޑެން 34 ވަނަ މިނިޓްގައި ފޮޑެން ފޮނުވާލި ބާރު ހިލޭޖެހުން ކީޕަރު ދިފާއުކުރި އެވެ. އޭގެ ހަ މިނިޓް ގަލަގާ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ އަރިމަތި ދަނޑި ކައިރިން ބޭރަށް ދިޔައީ ކޭން އަށް ފައިޖައްސާ ނުލެވިގެން ނެވެ. 74 ވަނަ މިނިޓްގައި ރައިސް ފޮނުވާލި ބާރު ބޯޅަ ވެސް ގޯލާ އަމާޒެއް ނުވި އެވެ. އިތުރު ވަގުތުގައި އޭރިޔާ ރޮނގު މަތިން ކޯލް ޕަލްމާ ފޮނުވާލި ބޯޅަވެސް ކީޕަރު ދިފާއުކުރި އެވެ.

ގްރޫޕް ސްޓޭޖްގެ ދެން އޮތް ދެ ގްރޫޕްގެ ފަހު ދެ މެޗުން ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އާއި ދަންވަރު 12 ޖަހާއިރު ކުޅޭނެއެވެ.