ޗައިނާއާއި ރާއްޖެއާއި ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ޤާއިމް ކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދުއާއި ޗައިނާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ވަންގް ވެންޓައޮއާއި މަޝްވަރާކުރައްވައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ޗައިނާގެ ވިޔަފާރިއައިބެހޭ ވަޒީރާއި ބައްދަލުކުރައްވާފައިވަނީ، ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ 15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ، ޑާލިއަން ކޮންގްރެސް ހޯލްގައެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިންގ އާއިއެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ވިޔަފާރިއާއި އިޤްތިޞާދާއި ގުޅުންހުރި މަޝްވަރާތަކުގައި ހުށައަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީއެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއާއި ދެމެދު ވިޔަފާރީވެ މުއާމަލާތް ފަސޭހައިން ކުރެވޭނެގޮތަށް ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމްކުރުމުގެ ދެ ޤައުމުގެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.
ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތަށް ގެނައުމަށްޓަކައި، ރާއްޖެއާއިއެކު ވިޔަފާރީގެ މުޢާމަލާތްތައް ގިނަޢަދަދަކަށް ހިންގާ ބައެއް ބޮޑެތި މާކެޓްތަކާއެކު ކަރަންސީ ސެޓްލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ރައީސުލްޖުމުހޫރީއްޔާ އަދި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Had a constructive meeting with Minister of Commerce of PRC.Reflected on the meeting between President Xi Jingping & Pres Dr @MMuizzu & discussed options for deepening trade & investment
— Mohamed Saeed (@em_saeed) June 25, 2024
co-operation between our two countries 🇲🇻🇨🇳@MoEDmv @presidencymv @MFA_China @China_Amb_Mdv pic.twitter.com/9k3tpEi2dA
ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުގެ ފައިސާއިން މުއާމަލާތު ކުރެވޭނެގޮތް ވުމަކީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމުހޫރިއްޔާ ނިމިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމާއެކު ވިޔަފާރިއާއި ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައިވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.
މީގެ އިތުރުން 2017 ވަނަ އަހަރު ޗައިނާއާއި އެކު ރާއްޖެއިން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައެވެ. ނަމަވެސް ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާ ކަމަށެވެ.