ޚަބަރު

ފެނަކައިން ބިލްތައް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް


  • މަހުން މަހަށް ފޮނުވާ ބިލްތަކާއި ރެޑްނޯޓިސްވެސް ފޮނުވާނީ އެސްއެމްއެސްއިން

  • މިއަދުން ފެށިގެން ބިލްތައް ލިބޭނީ އެސްއެމްއެސް މެދުވެރިކޮށް

  • މައްސަލައެއް އުޅޭނަމަ އެންމެ ކައިރި ބްރާންޗަކަށް ހުށައެޅޭނެ

ފެނަކަ ކޯޕަރޭޝަނުން ދޭ ޔުޓިލިޓީ ޚިދުމަތުގެ ބިލް މިއަދުން ފެށިގެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ޕްރިންޓްކޮށްފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި، ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓަރ ކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވާނެކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ބިލު ފޮނުވަމުންދާނީ އެސްއެމްއެސް މެދުވެރިކޮށްކަމަށެވެ.

މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ފައިސާ ނުދައްކާ ފަރާތްތަކަށް ފޮނުވާ "ރެޑްނޯޓިސް"ވެސް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ބިލުގައި ހިމަނާފައި ހުންނާނެ މަޢުލޫމާތުތަކުގެ ތެރޭގައި ބިލިންގް އެޑްރެސް، ބިލް ނަންބަރު، ސަބްސްކްރިޕްޝަން ނަންބަރު، މީޓަރު ނަންބަރު، ބިލުގައިވާ ފައިސާގެ އަދަދު އަދި މުއްދަތު ހަމަވާ ތާރީޚު ހިމެނެއެވެ.

މިޢުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މިމަޢުލޫމާތުތައް ހިމެނޭގޮތަށް ބިލު އެސްއެމްއެސް މެދުވެރިކޮށް ލިބެމުން ނުދާނަމަ، ޚިދުމަތް ހޯދާ ބްރާންޗަށް ގުޅައިގެން މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އެދިފައެވެ. ފެނަކައިން ބުނީ އެންމެ ފަހުގެ ބިލު މިއަދުން ފެށިގެން އަންނަ މަހުގެ 5ގެ ނިޔަލަށް ފޮނުވަމުންދާނެކަމަށެވެ. މިމުއްދަތުގައި ބިލު ނުލިބޭ ފަރާތްތަކުން މައްސަލަ ހައްލުކުރުމަށް ފެނަކައިންވަނީ އެދިފައެވެ.

ފެނަކައިން ވަނީ ސްމަރޓް މީޓަރު ތަޢާރަފުކޮށް ގޭބިސީތަކުގައި ބޭނުންކުރަންވެސް ފަށާފައެވެ. ސްމަރޓް މީޓަރުގެ ސަބަބުން، ކޮންމެ ދުވަހަކު އެގޭބިސީއަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު ފަސޭހައިން ބަލާލެވޭނެއެވެ. އަދި މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް، ބިލު ކުޑަކުރުމަށްވެސް އެހީތެރިވެދެއެވެ.

ބައެއް ރަށްރަށުގައި ސްމާރޓް މީޓަރު ތަޖުރިބާކޮށްފައިވާއިރު، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާރޓް މީޓަރު ބޭނުންކުރަން ފެށުމަކީ އެ ކުންފުނީގެ ޢަމާޒެކެވެ.

ފެނަކައިން ދަނީ ކުންފުނީގެ ޚިދުމަތްތައް ލުއިފަސޭހަކޮށް، ކަރަންޓުގެ ޚިދުމަތް ލުއިފަސޭހަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމާއެކު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.