ޚަބަރު

ސޮވްރިން ފަންޑަށް ޤާނޫނީ ބާރުވެރިކަން ދެނީ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވާން: ޝުޖާޢު


  • މި ފަންޑުގައި ހުރި ފައިސާ އެމްޑީޕީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ވަނީ ދީފައި

  • ސޭފްގާޑުތައް އަޅަން ޖެހެނީ ވެރިން ޚިޔާނާތްތެރިވާތީ

  • މިއީ ރާއްޖޭގެ ދަރަނި ކުޑަކޮށް، މުއްސަނދިކަން އިތުރު ކުރުމަށް މުހިންމު ބިލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދެއްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ޝުޖާޢު ވިދާޅުވީ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ފުރިހަމަ މާނައިގައި ހިފެހެއްޓޭނީ ބޭރުގެ ދަރަނި ދެއްކޭ ހާލަތުގައި އޮތް ޤައުމެއްގެ ގޮތުގައި ބޭރުގެ އިންވެސްޓަރުންނާއި ފަންޑު ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ޔަޤީންކަން އޮވެގެން ކަމަށެވެ. ޕީ.ޕީ.އެމްގެ ސަރުކާރު ނިމުނުއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން ޑޮލަރު ރައްކާކޮށްފައި ހުރިއިރު، އެމް.ޑީ.ޕީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ނަމުގައި އެ ފައިސާ ހުސްކޮށްފައިވަނީ ފަންޑަށް ޤާނޫނީ ބާރުވެރިކަމެއް ނެތުމުން ކަމަށް މެންބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވައި މެންބަރު ޝުޖާޢު ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅު، ސޮވްރިން ޑިވެލޮޕްމަންޓް ބިލް މަޖިލީހަށް ހުށަހެޅުއްވީ އެ މަޤްޞަދުގައި ކަމަށެވެ.

"މިކަންކަން ރައްކާތެރިކަމާއެކު ގާއިމުކޮށް ސޭފްގާޑުތައް އަޅަން މިޖެހެނީ ވެރިން ޚިޔާނާތްތެރިވާތީ ރައްޔިތުންގެ ފައިސާއަށް" ޝުޖާޢު ވިދާޅުވިއެވެ.

މި ބިލު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވިދާޅުވީ، މި ބިލުގެ މަޤްޞަދަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ އެކައުންޓިން އަދި ރިޕޯޓިން ފްރޭމްވޯކެއް ހަދައި ފަންޑު ބޭނުންކުރެވޭނެ ކަންކަން ޤާނޫނެއްގައި ބަޔާން ކުރުން ކަމަށެވެ.

މިއީ ރާއްޖޭގެ ދަރަނި ކުޑަކޮށް، މުއްސަނދިކަން އިތުރު ކުރުމަށް ކޮންމެހެން މުހިންމު ބިލެއްކަމަށާއި، ޤާނޫނީ ބާރުވެރިކަން ފަންޑަށް ލިބުމުން ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެ ކަމަށްވެސް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

"ރާއްޖޭގެ މިފަދަ ފަންޑެއް އެބަ އޮޕަރޭޓް ކުރޭ. މިސާލަކަށް ޕެންޝަން ފަންޑު. މި ފަންޑުވެސް ވަކި ޤާނޫނެއްގެ ދަށުން ހިންގާތީ އެ ފަންޑާ ދޭތެރޭގަ ޔަގީންކަމެއް އެބައޮތް. އެހެންނަމަވެސް ސޮވްރިން ފަންޑު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ ފަންޑުގައި ފައިސާތަކެއް ހުއްޓަސް އެ ފައިސާ ބޭނުންކުރެވޭނެ ވަކި ކަންތައްތަކެއް ޤާނޫނެއްގައި ބަޔާންކުރެވިފައި ނެތުމުން އޭރެއްގެ ސަރުކާރުން އެ ފަންޑާ ދޭތެރޭ ބޭނުންގޮތަކަށް އަމަލުކުރަމުންދިޔަ މަންޒަރު،" މެންބަރު ޢަލީ ފަޒާދު ވިދާޅުވިއެވެ.

މި ބިލަށް އިދިކޮޅު އެމް.ޑީ.ޕީގެ ފަރާތުން ވާހަކަދެއްކެވި މެންބަރުވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވަނީ ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެނެސް ބިލު އިތުރަށް ދިރާސާކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ފަންޑުގެ ކަންކަން އިންތިޒާމުވެގެން ދިއުމަކީ މުހިންމު ކަމެއްކަމަށް މަޢުރޫފް ވިދާޅުވިއެވެ.

"ޤައުމަށް ދިމާވާ އިޤްތިޞާދީ ކާރިސާތަކުގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން. މިގޮތަށް ބަޔާންކޮށްފައިވާއިރު އިޤްތިޞާދީ ކާރިސާއަކީ ކޮބައިކަން ޑިފައިންކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެހެން ނޫނީ ކޮންމެ ހާލަތަކީވެސް އިޤްތިޞާދީ ކާރިސާއެއްކަމުގައި ދެކި މި ފަންޑުގެ ފައިސާ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް.،" މައުރޫފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.