ޚަބަރު

ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް އެއް މެޗަށް ސަސްޕެންޑް ކޮށްފި


ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ޔޫއެފާ އިން އިންތިޒާމު ކުރާ މުބާރާތްތަކުގެ އެއް މެޗަށް ސަސްޕެންޑްކޮށް ޖުރިމަނާ ކޮށްފި އެވެ.

ނިމިގެންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާން އަތުން 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވި މެޗުގައި ރެފްރީގެ ނިންމުން ތަކާއި ދެކޮޅަށް ހެންސީ ފްލިކް އާއި އޭނާގެ އެސިސްޓެންޓް މާކާސް ސޯގް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އަދި އެ މައްސަލަ ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީ އިން ބެލުމަށްފަހު އިއްޔެ ނިންމާފައިވަނީ ހެންސީ ފްލިކްގެ އިތުރުން މާކަސް ސޯގް އެއް މެޗަށް ސަސްޕެންޑް ކޮށް 20 ހާސް ޔޫރޯ އިން ޖުރިމަނާ ކުރުމަށެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާގެ މި ނިންމުމާއިއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ކޯޗާއި އެސިސްޓެންޓް ކޯޗަށް ބައިވެރި ނުވެވޭނެ އެވެ.

މީގެ އިތުރުން ޔޫއެފާ އިން ވަނީ ބާސެލޯނާގެ ލަމީން ޔަމާލް އާއި ރޮބަޓް ލެވަންޑޯސްކީ ވެސް ޖުރިމަނާކޮށްފަ އެވެ. އެގޮތުން ކޮންމެ ކުޅުންތެރިއެއް ފަސް ހާސް ޔޫރޯ އިން ޖުރިމަނާ ކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި އެންޓި ޑޯޕިން އޮފިސަރގެ އެންގުމާއި އެއްގޮތަށް ޑޯޕިން ޓެސްޓް ހެދުމަށް ދިއުން ލަސް ކުރުމާއި ގުޅިގެންނެވެ.

އަދި ބާސެލޯނާގެ ސަޕޯޓަރުން އެ މެޗުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާ 7950 ޔޫރޯ އިން އެ ކްލަބް ވަނީ ޖުރިމަނާކޮށްފަ އެވެ. އޭގެ ތެރެއިން 5250 ޔޫރޯ އަކީ ދަނޑު މައްޗަށް އެއްޗެތި އުކުމުގެ ސަބަބުން އައިސްފައިވާ ޖުރިމަނާ އެކެވެ. އަދި 2500 ޔޫރޯއިން ޖުރިމަނާ ކޮށްފައިވަނީ ފަޔަރވޯކްސް ރޯކުރުމާއި ގުޅިގެންނެވެ.

މި މެޗުގައި އިންޓަރ މިލާނުގެ ސަޕޯޓަރުން އާންމުން ހިނގާ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން އެ ޓީމު 22 ހާސް ޔޫރޯ އިން ޖުރިމަނާ ކޮށްފައިވާއިރު ފަޔަރވޯކްސް ރޯ ކުރުމާއި ގުޅިގެން އެ ކްލަބް ވަނީ 11,500 ޔޫރޯ އިން ޖުރިމަނާ ކޮށްފަ އެވެ.