ޚަބަރު

އެންމެ އިސްކަމެއް ދޭނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް: ޝިޔާމް


  • ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް

  • ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދަން

ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި، މި ހަފުތާގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވާ ގޮތަށް މީގެ ކުރިން ވެރިކަން ކުރި ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއަށް ބޮޑުކުރުމަށްފަހު މަސްވެރިންނަށް ފައިސާ ދެއްކީ ނެތް ފައިސާއެއް ޗާޕުކޮށްގެން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށްފަހު އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށެވެ. އަދި މިއީ އިޤްތިޞާދީގޮތުން ދަތި ދުވަސްވަރެއްނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަސްވެރި ސިނާއަތް ފިޔަވައި އެހެން ހުރިހާ ސިނާއަތެއްގެ ލޯތައް އަމާޒުވެފައި އިނގިލިތައް އަމާޒުވެފައި މި ހުންނަނީ މަސްވެރިންނަށްދޭ ސަބްސިޑީއަށް ކަމަށްވާތީ މި ސަރުކާރުން ބޭނުން ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިން އެ އިނގިލިތަކުން ސަލާމަތްކުރަން. އެ ބޭފުޅުންނަކީ ސަބްސިޑީއާ ނުލައި މަސްވެރިކަން ކުރާ ބަޔަކަށް އަޅުގަނޑުމެން ބޭނުން ހަދަން،" މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށާއި މަސްވެރިން އިހުތިޖާޖު ކުރުމުން ސަރުކާރުން އެކަމާއި ނުރުހުން ފާޅު ނުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.