ކުޅިވަރު

ސްޕެއިނާ ކުޅެން ޖެހިދާނެތީވެ، ޖަރުމަނުގެ ހީލަތްތެރި ރޭވުމެއް އެބައޮތްތަ؟


ޖަރުމަނާއި ސްވިޒަލޭންޑް މިރޭގެ މެޗަށް ނުކުންނަނީ މުބާރާތުގެ ގަދަ 16ގައި ހިމެނޭނެކަން ޔަގީންކޮށްގެންތިބެ އެވެ. ނަމަވެސް ކުރިން އެނގިފައިނުވަނީ މި ގްރޫޕުގެ އެތުރުން ފަހު ވަގުތު އޮންނާނެގޮތެކެވެ. މިވަގުތު ދެ މެޗުން ވެސް މޮޅުވެގެން އެއްވަނާގައިވަނީ ޖަރުމަނު ވިލާތެވެ. ނަމަވެސް ސްވިޒަލޭންޑް އަތުން ބަލިވެއްޖެނަމަ ސްވިސްއަށް ޓޭބަލުގެ ކުރި ދީފައި ޖަރުމަނު ތިބެންޖެހޭނީ ދެ ވަނާގަ އެވެ. ސްވިޒަލޭންޑް ގަދަ ދޭކުން ކަޓާނީ ޖަރުމަނު އަތުން ބަލިވެފައި ހަންގޭރީ އަތުން ސްކޮޓްލޭންޑް ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ.

މިފަދަ ހާލަތެއްގައި ތިބެ މިރޭގެ މެޗަށް ނުކުންނައިރު ޖަރުމަނުން ހީލަތްތެރި ރޭވުމެއް ރާވަފާނެ ކަމަށް ދެކޭ މީހުން މަދެއްނޫނެވެ. ސަބަބަކީ ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ މުބާރާތުގެ ދެ ވަނަ ބުރުގައި ޖަރުމަނު ވާދަކުރަންޖެހޭނީ ގްރޫޕްގެ ދެ ވަނަ ޓީމާ ކަމުގައިވުމެވެ. އެ ޓީމަކަށްވުން އެންމެ ގާތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ސްޕޭނެވެ.

ޖަރުމަނާއި ސްޕާނަކީ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. މިހެންވެ މުބާރާތުގެ މިހާ ކުރީކޮޅު އެއްބަޔަކު އަނެއް ބަޔަކާ ޖެހި މުބާރާތުން ކަޓާކަށް ޖަރުމަނު ބޭނުމެއްނުވެ އެވެ. އެކަމަކު މި މެޗާ ގުޅުވައިގެން ދެކެވެމުންދާ އަޑިނޭނގޭ ރޭވުމުގެ ވާހަކަ ކޯޗު ހޫލިއަން ނާގެލްސްމަން ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ ކުޅެނީ މޮޅުވާން ކަމަށާއި ވަކި ބަޔަކާ ދެކޮޅަށް ކުޅެޖެހިދާނެތީވެ މެޗު ދޫކޮށްލައި ވަކި ގޮތަކަށް ތަރުތީބު އަނބުރާލުމަކީ އޭނާ އާއި ޖަރުމަނުގެ ވެސް ވިސްނުމެއްނޫން ކަމަށެވެ.

މިފަދަ ތުހުމަތުތަކުން އެކަހެރިވުމަށް ޖަރުމަނުގެ ފުރަތަމަ 11 އަށް މިރޭ ބަދަލު ނުގެންނާނެ އެވެ. އެންމެ ވަރުގަދަ 11 ކުޅުންތެރިން ނެރޭނީ ފުރަަތަމަ މިނިޓުން ފެށިގެން ލީޑް ހޯދައި މެޗު ޑޮމިނޭޓް ކުރުމަށެވެ. ކޯޗު ނާގެލްސްމަން ބުނީ ދެ ކާޑު ހަމަވެގެން ކުޅުންތެރިއަކަށް ޖެހިގެން އޮންނަ މެޗު ނުކުޅެވިދާނެތީވެ ޖެހިލުންވާން ނުޖެހޭ ކަމަށެވެ. އެއަށްވުރެ ޖަރުމަނަކީ ފުދިފައިތިބެންޖެހޭ ބައެއް ކަމަށާއި މުޅި ސްކޮޑަށް އޭނާ އިތުބާރު ކުރާ ކަމަށެވެ.

ސްވިޒަލޭންޑްގެ ކޯޗު މުރަތް ޔަގީނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި މެޗަށް ނުކުންއިރު މެޗު ޕްރެޝަރ ނެތުމެވެ. ހަންގޭރީ އަތުން ތިން ލަނޑުން މޮޅުވެ ސްކޮޓްލޭންޑް މެޗު އެއްވަރުކޮށްފައި އޮތުމުން ސްވިޒަލޭންޑް މުބާރާތުން ނުކަޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތެވެ. ޔަކީން ބުނީ ފުރަތަމަ ދެ މެޗުން ލިބުނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި މިހެންވެ މި މެޗުގައި ހަމަޖެހިގެން ކުޅެން އޭނާގެ ޓީމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ދެ ގައުމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ނަތީޖާ އަކީ ވެސް މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ސްވިޒަލޭންޑަށް ލިބޭ ހިތްހަމަޖެހުމެކެވެ. އެއީ އެ ތިން މެޗުގައި ވެސް ޖަރުމަނު އަތުން ބަލިވެފައިނުވާތީ އެވެ. އަދި ސްޕޭނާ ކުޅެން ޖެހުމަކީ ވެސް އޭނާ އަށް މައްސަލައެއްނޫނެވެ. ޔަކީން ބުނީ ގްރޫޕްބީގައި ތިބީ މުޅިން ވެސް ގަދަ ޓީމުތައް ކަމަށާއި ސްޕޭނަކަސް އިޓަލީއަކަސް އަދި ކްރޮއޭޝިޔާ އާއި އަލްބޭނިޔާއާ ވާދަ ކުރަން ޖެހުނަސް އޭނާގެ ޓީމަށް ދިމާވާނެ މައްސަލަތަކެއް ނެތް ކަމަށެވެ. މިހެންވެ ވަކި ބަޔަކާ ކުޅެން، ނުކުޅެން ޖަރުމަނު މެޗުގެ ނަތީޖާ އަށް އަސަރުކުރާނެ ކަންކަން ކުރަން ބޭނުންނުވާ ކަމަށެވެ.