ޚަބަރު

މިއަހަރުގެ ތެރޭގައި އުތުރާ ދެކުނުގައި އާންމު މަސައްކަތްކުރާނެ ވަގުތީ ޔުނިޓްތައް ޤާއިމުކުރަނީ


  • އަތޮޅުތަކުގައި ހުރި 7 ޔުނިޓަކަށް ބޭނުންވާ ވަސީލަތްތައް ދަނީ ހަމަކުރަމުން

  • އަންނަ އަހަރު 15 ޔުނިޓް އަތޮޅުތަކުގައި ހަދާނެ

  • އުތުރާއި ދެކުނުގައި ހަދާ ވަގުތީ ޔުނިޓަކީ މޮބައިލް ޔުނިޓްތަކެއް

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ދެ ޞަރަހައްދެއްގައި އާންމު މަސައްކަތްތަކާ ބޭހޭ ޔުނިޓްތައް ޤާއިމްކޯށް ޚިދުމަތްދޭން ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓާވިއުއެއްގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރަށްރަށަށް ދިމާވާ ކުދިކުދި ކަންކަން ޙައްލުކުރުމުގައި ކައުންސިލްތަކަށް ބޮޑެތި ދަތިތައް ހުރިމަތިވާކަމަށާއި އެކަންކަން ޙައްލުކުރުމަށް ވަރަށް ގިނަ ދުވަސް ނަގާކަމަށެވެ.

ވަޒީރު ވިދާޅުވީ ކުރިން ރާއްޖޭގެ 7 ސަރަޙައްދެއްގައި އާންމު މަސައްކަތްތަކުގެ ޔުނިޓް ހިންގަމުންއައިނަމަވެސް އެތަންތަން އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނެތްކަމަށެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި މަރާމާތުކޮށްފައި ނުވުމުން އެތަންތަނުގައި ހުރި މެޝިނަރީތަކާއި ވަޞީލަތްތައްވެސް ބޭނުންކުރެވެން ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އުނގޫވާގޮތަށް ރަށްރަށުގައި ހުރި ތަފާތު ގިނަ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުރިކަމަށް ވަޒީެު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އެފަދަ ޔުނިޓަކުން ދޭންޖެހޭ ޚިދުމަތްތައް ލިބުމުގެ ސަބަބުން ރަށްރަށުގައި މަގުތަކުގައި ހުރި އެކި މައްސަލައާއި ބަނދަރުތަކުގައި ހުރި ކުދިކުދި މައްސަލަތައްވެސް ޙައްލު ނުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެކި ފަހަރު ވެރިކަން ބަދަލުވާއިރު ވަސީލަތްތައް އެކި ކުންފުނިތަކަށް ބަދަލުވެ، ޚިދުމަތަށް ގޮންޖެހުން ކުރިމަތިވޭ. މިހާރު ހުރި ޕަބްލިކް ވޯކްގެ 7 ޔުނިޓްގެ ޙާލަތު ބަލަން މިދަނީ އެސެސްމަންޓެއް ހަދަމުން" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ މިހާރު ޤާއިމުކޮށްފައި ހުރި 7 ޔުނިޓަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، އެތަންތަން ޚިދުމަތަށް ގެނައުންކަމަށެވެ. އަދި އާންމު މަސައްކަތްތަކުގެ ޚިދުމަތް ޤާއިމުކޮށްފައި ނެތް 15 އަތޮޅުގައި އެ ޔުނިޓްތައް ހެދުމުގެ މަސައްކަތްތައް އަންނަ އަހަރު ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ކުރިން ވަގުތީ ޙައްލެއްގެ ގޮތުން ރާއްޖޭގެ އެންމެ އުތުރާ ދެކުނުން ކޮންމެ ސަރަޙައްދެއްގައި މިއަހަރުގެ ތެރޭގައި ޕަބްލިކް ވޯކްސްގެ ޔުނިޓެއް ޤާއިމްކޮށް ޚިދުމަތް ދޭނެކަމަށެވެ. އޭރުން ޚިދުމަތްތައް ބޭނުންވާ ރަށްތަކަށް އެ ޔުނިޓްގެ ޓީމްތައް ދަތުރުކޮށް، މައްސަލަތައް ހައްލުކޮށްދޭނެކަމަށެވެ.

"މިހާރު އަތޮޅުތަކުގައި ހުރި 7 ޔުނިޓްގެ އިތުރުން 2 މޮބައިލް ޔުނިޓް އުތުރާ ދެކުނުގައި މި ހަދަނީ. މި ތަންތަން މިއަހަރު ހަދާނަން. އޭރުން އަތޮޅުތަކުގެ އެހެން ރަށްތަކަށް ޚިދުމަތް ދޭނެ ނިޒާމެއް ޤާއިމުވާނެ." ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ސީޓި ކައުންސިލްތަކާ އަތޮޅުކައުންސިލްތައް އަދި ރަށު ކައުންސިލްތައް ހިމެނޭގޮތަށް ރާއްޖޭގައި 200 ކައުންސިލް އޮވެއެވެ. މީގެތެރެއިން ރަށު ކައުންސިލްތަކުގެ އަދަދަކީ 187އެވެ.