ކުޅިވަރު

ބެންޗުން އެރި ކުޅުންތެރިންނާއެކު ކުޅުން ރަނގަޅުވި: ރެބްރޯވް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ސްލޮވާކިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ ބަދަލުކޮށްލެވުނީ ފަހު ހާފުގައި ބެންޗުން ކުޅެން އެރި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމުގެ ސަބަބުން ކަމަށް ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް ބުނެފިއެވެ.

ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް މިހެން ބުނީ ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރެބްރޯވްގެ ވާހަކައިގައިވަނީ، ފަހު ހާފަށް އެ ޓީމުން ނިކުތްއިރު ހައި ޕްރެސްގެ ބައެއް މަގާމުތައް ބަދަލުކޮށްފައިވާ ކަމަށާއި، ބެންޗުން އެރި ކުޅުންތެރިން ތަފާތު ދައްކައި ޓީމުގެ ކުޅުން ރަނގަޅުކުރިކަމަށް ބުނެފައެވެ.

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، ހުރިހާ ކުޅުންތެރިން އެއް ރޫޚެއްގައި ކުޅުން ކަމަށާއި، ނަތީޖާ ބަދަލުކުރުމަށް ކުރި މަސައްކަތްތައް ކާމިޔާބުވެ، އޭނާގެ ޓީމު މޮޅުވުން ހައްގު ކަމަށް ވެސް ރެބްރޯވް ބުންޏެވެ. ރެބްރޯވް ވަނީ، ފުރަތަމަ ހާފު ނިމުމުން ހުރިހާ ކުޅުންތެރިން ޗޭންޖިންގ ރޫމަށް ދިއުމުން އެ މީހުންނާ ދިމާއަށް ހަޅޭނުލަވާ ކަމަށާއި، ބުނިހާވެސް ވާހަކަ އަކީ ކަންބޮޑުނުވެ، ލަނޑެއްޖެހުމަށް ކަމަށެވެ.

ރެބްރޯވް ބުނީ، ރުމޭނިއާ އާ ދެކޮޅަށް ދަށް ކުޅުމެއް ދެއްކިނަމަވެސް، ސްލޮވާކިއާ އާ ދެކޮޅަށް ފެނުނީ މުޅިން ތަފާތު ކުޅުމެއް ކަމަށާއި، އެހެންކަމުން އޭނާގެ ޓީމަށް މި މޮޅު ހައްގުކަމަށެވެ. މިހާރު ދެން ހުރިހާ ސަމާލުކަމެއް އޮތީ ކުރިއަށް އޮތް މެޗަށް ކަމަށް ވެސް ރެބްރޯވް ބުންޏެވެ.

ޔޫކްރޭން ޓީމުން ސްލޮވާކިއާ އާ ދެކޮޅަށް ނިކުތްއިރު ގޯލްކީޕަރު ބަދަލުކުރުމާ ގުޅޭގޮތުން ރެބްރޯވް ބުނީ، އޭނާގެ ޓީމުގެ ކީޕަރުންގެ މެދުގައި ރަނގަޅު ވާދަވެރިކަމެއް އޮތުމުން ހިތްހަމަޖެހޭ ކަމަށާއި، ޖަރުމަނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެނަޓޮލީ (ޓްރޫބިން) ގެ ފަރާތުން ފެނުނު ކުޅުމަށް ބަލާފައި އޭނާ އަށް ފުރުޞަތު ލިބެންޖެހޭ ކަމަށެވެ. އަދި އޭގެ ކުރީ މެޗުގައިވެސް އޭނާ ކުޅެވުނީސް ކަމަށް ރެބްރޫވް ބުންޏެވެ.

ޔޫކްރޭންގެ މިޑްފީލްޑަރު، އޮލެގްސެންޑާ ޒިންޗެންކޯ ބުނީ، އެ ޓީމަށް ދެން ކުރިމަތިލާންޖެހޭ ބެލްޖިއަމް މެޗު ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަމަށެވެ. އެ ޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޓީމެއް ކަމަށާއި، ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެކުލެވިގެންވާ ޓީމަކަށްވުމުން އަނެއް ބުރަށް ކޮލިފައިވުމަށްޓަކައި ޔޫކްރޭނުން އެ މެޗުގައި އެންމެ މޮޅު ކުޅުން ދައްކައި ތިން ޕޮއިންޓް ހޯދަންޖެހޭނެ ކަމަށް ވެސް ޒިންޗެންކޯ ވަނީ ބުނެފައެވެ.