ކުޅިވަރު

ނެދަލަންޑްސް - ފްރާންސް: ކުރިމަތިލާނީ ވެން ޑައިކާއި ގްރީޒްމަން


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާއި ނެދަލޭންޑްސް ބައްދަލު ކުރާ މެޗަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބަލާނެ މެޗެކެވެ. މި މެޗާ ކުރިމަތިލާއިރު އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ މުބާރާތުގެ ތަށި 2000 ވަނަ އަހަރު ހޯދި ފްރާންސަށެވެ. އެމީހުންގެ ކެޕްޓަންގެ މޫނުމަތި ހުންނާނެ ގޮތަކާއި އޭނާ މި މެޗުގައި ކުޅޭނެތޯ ނުވަތަ ނޫންކަން ގިނަ ބަޔަކަށް މިހާ ހިސާބަށް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އެންމެ ފަހުގެ ވޯލްޑްކަޕުގެ ރަންބޫޓު ހާސިލްކުރި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑުގައި ރެނދުލީ އޮސްޓްރިއާ މެޗުގައި ބޮލުން ޖަހަން އުޅެނިކޮށެވެ. މި އަނިޔާގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް މިހާރު ވަނީ ފަރުވާދީފައިވި ނަމަވެސް ކުޅެން ނުކުތުމުގެ ހުއްދަ އެއްނެތެވެ. އެކަމަކު އެންމެ ގިނަ ބަޔަކު ހައިރާންވީ އެމްބާޕާއެކު ހޮސްޕިޓަލަށް ފްރާންސްގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ވަޑައިގެންނެވުމުންނެވެ. ޑޮކްޓަރުންނާއި ހޮސްޕިޓަލުން އަދި ނޫސްވެރިން ކަމުގެ ހަގީގަތް ހާމަކުރުމުގެ ކުރިން އަނިޔާއިން ރަނގަޅުވުމަށް އެމްބާޕޭ އޮޕަރޭޝަން ނުކުރާނެކަން އިއުލާނުކުރީ ފްރާންސްގެ ފުޓްބޯޅަ ރައީސެވެ. މިހެންވެ އޮޕަރޭޝަނާ ދެކޮޅު ހެދީ ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ކަމުގެ ތުހުމަތު ވަނީ އެޅިފަ އެވެ.

އެމްބާޕޭ ނެތަސް ފްރާންސްގެ ފޯވަޑް ލައިން ބައްޔެއްނުވާނެ އެވެ. ދެންތިބި ކުޅުންތެރިން މިހާރު ވެސް ވަނީ ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭތީވެ ފުރަތަމަ 11އިން ލިބޭ ފުރުސަތުގައި ތަފާތު ދައްކައި މަގާމު ދާއިމީ ކުރަން ކެތްމަދުވެފަ އެވެ. އަނެއްކޮޅުން ކޯޗު ޑިޑިއޭ ޑެޝޯން ވެސް ވަނީ ބަދަލުގައި ކޮންމެ ކުޅުންތެރިއަކު ކުޅެން ނެރުނު ނަމަވެސް އެ ފޯވަޑަކު ނަތީޖާ ނެރެދިނުމަށް ފޯރީގައި ކުޅެދިނުމަށް ކުޅުންތެރިންގެ ކިބައިން އެދިފަ އެވެ.

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ނެދަލޭންޑްސް ޓީމުގެ އެންމެ ބޮޑު ބަލި ފަޔަކީ އެމީހުންގެ މިޑްފީލްޑް ލައިނެވެ. ނަމަވެސް މުހިންމު މެޗުތަކުގައި ގޯލު ނުޖެހޭތީވެ މެމްފިސް ޑިޕާއީ އާއި ކޯޑީގަ ގަޕޯގެ ވާހަކަތައް މާގިނަ އިން ދެކެވެނީ އެވެ. ފްރާންސްގެ މެޗުން ނެދަލޭންޑްސް އަށް މޮޅުވެވޭނީ މި ދެ ކުޅުންތެރިން ލަނޑު ޖަހާ ފޯމުގައި ތިބެގެންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަހު ހާފުގައި ކުޅެން ނުކުތް ވެގޯސްޓެވެ. މިހެންވެ އޭނާ ފުރަތަމަ 11ގައި ހިމެނުމާމެދު ގޮތެއް ނިންމަން ކޯޗަށް ވަނީ ފަސޭހަނުވެފަ އެވެ. ޑިޕާއީ އަކީ ކޯޗުގެ ގޭމްޕްލޭނަށް ނުހަނު ފެތޭ ކުޅުންތެރިއަކަށްވާއިރު ޖޯޑީ ގަޕޯ އަށް ގިނަ ބޯޅަތަކެއް ސަޕްލައިކޮށްދިނުމަކީ އޭނާގެ ކުޅުންތެރިންގެ ކިބައިގެން ކޯޗުގެ އެދޭ އެންމެ ބޮޑު އެދުމެވެ. ސަބަބަކީ މި ނޫން ގޮތަކަށް މެޗުން ކާމިޔާބު ކުރުމަކީ މުސްތަހީލް ކަމެއް ކަމުގައި އޭނާ އަށް ވިސްނޭތީ އެވެ.

ކޯޗު ރޮނަލްޑް ކޫމަން ގަބޫލުކުރާ ގޮތުގައި މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެފައި ތިއްބައި މުބާރާތަށް އެކުލަވާލައިގެން މިވަގުތު ޖަރުމަނުގައި އޮތް ޓީމަށް މެދުތެރެ ހަމަޔަކަށް އަޅުވާލެވިދާނެ އެވެ.
ނެދަލޭންޑްސް މި މެޗަށް ނުކުންނައިރު ސަޕޯޓަރުން ތެރޭގައި ވެސް ހިޔާލު ތަފާވުންތައް އުފެދިފަ އެވެ. ސަބަބަކީ ބައެއް ސަޕޯޓަރުން އެ ގައުމުގެ އަލިގަދަ ލެޖެންޑުންގެ ފޮޓޯ ޖަހާފައިވާ މާސްކާއެކު ކަޅު ނަސްލުގެ މީހުން ލައްވައި އެކްޓް ކުރުވުމެވެ. މިހެންވެ ސަޕޯޓަރުންގެ މައްސަލާގައި ނެދަލޭންޑްސްގެ އޮތީ ކޯޅުމެކެވެ.