ޚަބަރު

ޒަމާނީ މާރުކޭޓުތައް އަޅަނީ ކައުންސިލާ ސަރުކާރު ގުޅިގެން: މޭޔަރު


  • މާރުކޭޓު އެޅުމަށް އެއްބަސްވުމުގައި ކޮންޓެކްޓަރާއެކު ވަނީ ސޮއިކޮށްފައި

  • ވަގުތީ މާރުކޭޓުތައް އަޅަން ބިން ވަނީ ހަމަޖައްސާފައި

މާލޭ އައު ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ މަސައްކަތް ކުރިއަށްގެންދާނީ ސަރުކާރާއި ގުޅިގެންކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ އޭގެ ފަސޭހަ ކައުންސިލަށާއި، ސަރުކާރަށްވެސް އޮންނާނެކަމެއްކަމަށެވެ. ނަތީޖާއަކީ ރައްޔިތުންނަށް ކަންކަން ފަހިވެގެން ދިޔުންކަމަށް އާޒިމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލޭ މަސް މާރުކޭޓުގެ މަސައްކަތް މޭޔަރުކަމާއި ޙަވާލުވެވަޑައިގަތްއިރު ބިނާރާ ބެހޭ ވުޒާރާއާއި ޙަވާލުކޮށްގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަން ކުރުމަށް ސިޓީ ކައުންސިލުން ބޭނުންވާ އެއްބާރުލުން ސަރުކާރަށް ދެއްވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލުން ނިންމާފައި އޮތީ މިހާރު ވަޅޯމަސް މާރުކޭޓު ހުރި ސަރަޙައްދުގައި މަސް މާރުކޭޓު ތަރައްޤީކުރަންކަމަށާއި، އެކަން ކުރުމަށް ބިން މިހާރު ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވާކަމަށެވެ.

"އަޅުގަނޑު އައިއިރުވެސް ދެބިމެއް އޮތީ ޙަވާލުކޮށްފައި ވަގުތީގޮތުން މާރުކޭޓު ބަދަލުކުރަން. އެއީހައިކޯޓު ކުރިމަތީއޮތް ބިމާއި މާރުކޭޓުގެ އެތެރޭގައި އޮތް ބިމަކާއެކު ވަގުތީ މާރުކެޓު އެޅުމަށް ނިންމާފައި އޮތީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވަގުތީ މާރުކޭޓު އެޅުމަށް އޭރު ދޫކޮށްފައި އޮތް 2 ބިމުގައި މާރުކޭޓު އެޅުމުން މިހާރު ހުރި މިންވަރަށް މާރުކޭޓު ގޮޅި ހަމަނުވާތީ އިތުރު ބިމެއް މިހާރު ހަމަޖައްސާ އެމަސައްކަތްކުރުމަށް ބިނާރާއި ބެހޭ ވުޒާރާއާއި ޙަވާލުކޮށްފައިވާކަމަށެވެ. އަދި މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭ މަސްމާރުކޭޓު ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ 7 ފަންގިފިލާއަށެވެ. ވަގުތީ މާރުކޭޓުތަކުގެ މަސައްކަތް ނިމުމާއެކު ދާއިމީ މާރުކޭޓު ތަރައްޤީކުރުމުގެ މަސއްކަތް ފެށޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި އައު މަސްމާރުކޭޓާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ޕާކިންގއަށް ޚާއްސަ ޖާގައާއެކު ކަމަށްވުމުން މާރުކޭޓު ހުރި ސަރަޙައްދުގެ ޓްރެފިކަށްވެސް ބޮޑު ފަސޭހައެއްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މާލޭގެ މާރުކޭޓު ޚިދުމަތް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބޮޑު ތަސައްވުރެކެވެ. އެކަން ކުރުމަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކެއް ނިމިފައިވާކަން ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ.