ޑެންމާކަކީ 1992 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަނުންނެވެ. އިނގިރޭސިން ފުޓްބޯޅައިގައި ދެއްކެން އޮތް ކާމިޔާބީ އަކީ 1966ގެ ވޯލްޑްކަޕް ތަށި އެކަންޏެވެ. މިހާރު މި ދެ ބައި މީހުންގެ ފެންވަރާއި ހައިބަތަށް ބަލާއިރު ދުނިޔޭގެ އެންމެ މަގްބޫލު ލީގާއެކު އިނގިރޭސިން އުއްމީދުތައް ވަނީ އުޑުގެ ވިލާތަކާ ހަމައިގަ އެވެ. ޑެންމާކުގެ ގިނަ ކުޅުންތެރިން އެހާރާއި މިހާރު ވެސް ކުޅެމުންދާ މައި ލީގަކީ އިނގިރޭސި ލީގެވެ. މިހެންވެ އިނގިރޭސިން ދެކޮޅަށް ކުޅެން ޑެންމާކުގެ ކުޅުންތެރިންނަށް ދަތިތަކެއް ހުންނާނެ އެވެ. ދިމާވާ ކަމަކުން ކުރިމަގަށް ހުރަސް އެޅިދާނެތީ އެވެ.
އަނެއްކޮޅުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިންނާ ދެކޮޅަށް ޑެންމާކު މިރޭ ކުޅޭ މެޗަކީ ބަދަލު ހިފުމުގެ ވާދައެކެވެ. 2021 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޑެންމާކު ބަލިވީ ރެފްރީ ނިންމި ގޯސް ނިންމުންތަކުގެ ސަބަބުންކަން މުޅި ކަހަލަ ގޮތަކަށް ތިބީ ގަބޫލުކޮށްގެންނެވެ. އަނެއްކޮޅުން މި މުބާރާތުގެ ގަދަ 16 އަށް ދިއުމަށް މިރޭގެ މެޗަކީ ޑެންމާކް ކޮންމެހެން ވެސް މޮޅުވާންޖެހޭ މެޗެކެވެ.
މިމެޗަށް ނުކުންނައިރު މުޅި ދުނިޔޭގެ ލޯ ހުއްޓިފައިވަނީ ވެސް އިނގިރޭސި ޓީމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކިރިޔަކިރިޔާ މޮޅުވުމުން އާއްމުންނާއި މީޑިޔާތަކުން ކިޔަމުންދާ ފާޑުކިއުންތައް ވަނީ ހޯސްލާފައި އޮހެން ފަށާފަ އެވެ.. ނޫސްތަކާއި ސޯޝަލް މީޑިއާގައި ހުރި ފާޑުކިއުންތައް އޭނާގެ ކުޅުންތެރިން ކިޔައި ބަލައި ހެދި ނަމަވެސް ސައުތްގޭޓް ބުނީ މުބާރާތުގައި އޭނާ ހުންނަން ބޭނުންވަނީ ސޯޝަލް މީޑިއާއާ ދުރުގައި ކަމަށެވެ. ދައްކާ ކޮންމެ ވާހަކައަކަށް ރައްދުދީ ހެދުމަށްވުރެ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު މާ ބިޒީ ކަމަށެވެ.
އިނގިރޭސި ޓީމުގައި ޖޫޑް ބެލިންހަމް ކިތަންމެ މޮޅަށް ކުޅުނަސް އޭނާއާ ބައިވެރިވެ އެ ފެންވަރަށް ކުޅެވޭ ކުޅުންތެރިއަކު އަދި ފެނިފައި ނެތުމަކީ ސަޕޯޓަރުންގެ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. މެންޗެސްޓާ ސިޓީ ގައި ކިތަންމެ މޮޅަށް ފިލް ފޮޑެން ކުޅުނަސް އޭނާ އަދި ފެންނަނީ ސައިބޯނި ބޮތްކެއް ފަދައިންނެވެ. ކުރީ މެޗުގައި ވެސް އޭނާގެ ހުނަރެއް، ދުވެއްޔެއް، ޖާދުލެއް ނުދެއްކުނެވެ.
ފޯވަޑް ހެރީކޭން އަކީ ގޯލާ ރައްޓެހި ކުޅުންތެރިއަކަސް އޭނާ އަށް ބޯޅަ ފޯރުކޮށްދިނުމުގައި އިނގިރޭސި މެދުތެރެ ވަނީ ފެއިލްވެފަ އެވެ. ޑިކްލައިން ރައިސްއާއެކު ކުޅެން މިރޭ ވެސް ލިވަޕޫލްގެ އެލެގެޒެންޑާ އާނޮލްޑް ނެރެފިނަމަ ސައުތު ގޭޓަށް އަމާޒުވާނެ ފާޑުކިއުންތައް ބައިވަރު ހުންނާނެ އެވެ. މިހާރު ވެސް އޭނާގެ ނިންމުންތަކާމެދު ގޮތްކިޔާ މީހުން މަދެއްނޫނެވެ. ކުރީގެ ކުޅުންތެރިންނާއި މުފައްކިރުންގެ އެދުމަކީ މިރޭގެ މެޗުގައި ޒުވާން މިޑްފީލްޑަރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫ ލައްވައި މެދުތެރެ ބެލެހެއްޓުމެވެ. އިނގިރޭސިލީގުގެ އާސެނަލްގެ ކެޕްޓަންކަންކޮށް، ޗެލްސީ އަށް ވެސް ކުޅުނު ސްޕޭނުގެ ސެސް ފެބްރިގާސް ބުނީ މައިނޫ އަކީ ފޯދެމުން އަންނަ ޒުވާނަކަށްވާއިރު އޭނާ އަކީ ގޮތްނޭނގޭ ކުޅުންތެރިއަކަށްވުމުން އިނގިރޭސި މެދުތެރެއިން މަދުވާ އުނިކަންކަން މައިނޫ އަށް ފޫބެއްދިދާނެ ކަމަށެވެ.
ކުރީ މެޗުގައި މޮޅަށް ކުޅުނަސް ކައެލް ވޯކާ އަށް ދިމާވެފައިވަނީ ދަނޑު ބޭރުގެ މައްސަލަތަކެވެ. މީގެ އިތުރުން ލޫކް ޝޯ ހުރީ ފުރަތަމަ 11ގައި ކުޅުމުގެ އުއްމީދުގަ އެވެ. މި ބަދަލުތައް ގެނަޔަސް ނުގެނަޔަސް ގޭޓަށް އަމާޒުވާނެ ފާޑުކިއުން މަދެއްނުވާނެ އެވެ. މިހާރު ވެސް އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަކީ އިނގިރޭސި ކުޅުންތެރިން ވަރުބަލިކަމުގެ ވާހަކަ އެވެ. ސާބިއާ މެޗުގެ ފަހު ހާފުގައި އިނގިރޭސިން އިދިކޮޅު ޓީމުގެ ފަހަތުން ދުވަންޖެހުނު މަންޒަރާއެކު ޓީމުގެ ފިޓްނަސްއާ މެދު ވެސް ގިނަ ބަޔަކު ވަނީ ޝައްކު ކުރަން ފަށާފަ އެވެ.
އަނެއްކޮޅުން ޑެންމާކުގެ ފޯވަޑް ރަމްސުސް ހުޖްލުންޑް ހުރީ ހެރީކޭން ނުގަނެ މެންޗެސްޓާ ޔުނައިޓެޑުން އޭނާގެ ސޮއިހޯދީ ކީއްވެކަން ދަނޑުމަތިން ކޭން އަށް ދައްކާލަން ތައްޔާރަށެވެ.