ޚަބަރު

ޙައްޖު އޮޕަރޭޝަން ކާމިޔާބު، އެންމެ އިސްކަންދިނީ ޙާޖީންގެ ސަލާމަތާ ރައްކާތެރިކަމަށް: ޑރ. ޝަހީމް


  • މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ޙާޖީންނަށް ފޯރުކޮށްދިން

  • ހުރިހާ ޙާޖީންނަށް އަރަފަރާތަށް ދެވުނު

މިފަހަރުގެ ޙައްޖުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ހޫނު ގަދަ މާޙައުލެއްގައި ޙާޖީންގެ ސަލާމަތާއި ޞިއްޙީ ރާއްކާތެރިކަން ކަށަވރުކުރުމަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާއާއި ޙިއްސާކުރެއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރުގެ ޙައްޖަކީ، އެންމެ ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރި ފަހަރުކަމަށެވެ. އަދި މިފަހަރުގެ ޙައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި، ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރު ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމުގައި ރަސްމީ ކޯޓާ އަދި ޚާއްޞަ ކޯޓާ ހިމެނޭހެން 1150 މީހުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔައެވެ. ވަޒީރު ވިދާޅުވީ އެންމެ ބޮޑަށް އިސްކަމެއް ދެއްވީ، ހޫނު ގަދަ މާޙައުލެއްގައި ޙާޖީންގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.


މިފަހަރުގެ ޙައްޖުގައި 100 އެއްހައި ދިވެހި ޙާޖީން މަގު އޮޅުނު ނަމަވެސް، ލޮކޭޓިން ޑިވައިސްގެ ޒަރީއްޔާއިން ފަސޭހައިން ހޯދައިގަނެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަހަރު ޙައްޖު މިޝަންގެ އިންތިޒާމުތައް ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަންވެސް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މިނާގެ ޓެންޓުތަކުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަން މެދުވެރި ސަބަބުތައް ބަލައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙައްޖު އޮޕަރޭޝަނާ ގުޅޭގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ފަހުގެ ތާރީޚެއްގައި ސައުދީއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައިވެސް ޙައްޖު ކަންކަން ކުރިއަށްގެންދެވުނީ ވަރަށް ރަނގަޅަށްކަމަށެވެ.

މިފަހަރު ރާއްޖޭގެ ޙައްޖު މިޝަނަށް އެހީތެރިވި ފަރާތްތަކަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. މިއަހަރުގެ ޙައްޖު މިޝަންގައި ޙައްޖާޖީންނަށް އެހީވުމަށް، ޙައްޖުގެ ކޯޕަރޭޝަންގެ ފަރާތުން ދިޔަ އެހީތެރިންގެ އިތުރުން ސަޢުދި ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.