ކުޅިވަރު

ހަންގޭރީވެސް ބަލިކޮށް، ޖަރުމަން ދެވަނަ ބުރަށް


ހަންގޭރީވެސް ބަލިކޮށް، ޔޫރޯ 2024 ގެ ދެވަނަ ބުރުގެ ޔަގީންކަން ޖަރުމަނުން ހޯދައިފި އެވެ. ގްރޫޕް އޭގައި ފުރަތަމަ މެޗުގައި ބޮޑު މޮޅެއް ހޯދި ޖަރުމަނުން ހަންގޭރީ ބަލިކުރީ 2-0 ނެވެ.
ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތް ޖަރުމަނަށް ދެން ދެވަނަ ބުރުގެ ފުރުޞަތު ގެއްލެން އޮތީ ހަނި ފުރުޞަތެކެވެ. މިރޭ ދަންވަރު މެޗަށްފަހު ޖަރުމަނަސް ދެވަނަ ބުރު މުޅިން ކަށަވަރުވެސް ވެދާނެއެވެ.

ހަންގޭރީ ކޮޅަށް ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހީ 21 ވަނަ މިނިޓްގައި ޖަމާލު މުސިއާލާ އެވެ. ގޯލް އޭރިޔާ ތެރެއިން ހަންގޭރީގެ ކީޕަރާއި ޑިފެންޑަރެއް ބޯޅައަށް މަސައްކަތް ކުރަނިކޮށް ޖަރުމަނު ކެޕްޓަން ގުންޑޮގާން ބޮޅަ ހޯދާ އޭރިޔާ ތެރޭ ހުރި މުސިއާލާ އަށް ޖައްސާލުމުން ގޯހެއް ނަހަދާ މުސިއާލާ ބޯޅަ ގޯލަށް ފޮނުވާލި އެވެ. މިއީ ގުންޑޮގާންއާއި ކްރޫޒް އަދި މުސިއާލާ ގުޅިގެން ތަނަވަސްކުރި ފުރުޞަތެކެވެ.

ދެވަނަ ލަނޑެއް ޖަހަން ލިބުނު ގިނަ ފުރުޞަތުތަކެއް ބޭކާރުވުމަށްފަހު ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ކެޕްޓަން ގުންޑޮގާން އެވެ. 66 ވަނަ މިނިޓްގައި ގުންޑޮގާން ލަނޑު ޖެހީ އޭރިޔާ ތެރެއަށް މެކްސިމިލިއަން ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ ސްޕޮޓާ ހަމައިން އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޖަރުމަނުން ވަނީ ލަނޑު ޖެހި ދެ ކުޅުންތެރިންވެސް މެޗުގައި ބަދަލުކޮށް، ގިނަ ކުޅުންތެރިންނަށް ފުރުޞަތުވެސް ދީފައެވެ. މުޅި މެޗު ޚާއްޝަކޮށް ދެވަނަ ހާފް ކޮންޓްރޯލް ކުރި ޖަރުމަނުން ދެހާފްގައިވެސް ލަނދު ޖަހަން ފުރުޞަތުތައް ހޯދިއެވެ. ހަންގޭރީން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ވެސް ތަޖުރިބާކާރު ކީޕަރު ނޯޔާ މަތަކުރިއެވެ.

4 ވަނަ މިނިޓްގައި ކައި ހާވާޓްޒް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު އަތަސް ނެގީ
6 ވަނަ މިނިތްގައި ހަންގޭރީގެ ބެންޑެގުޒް ބޮލާ ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކުރިމަތީ ޖުރި ޖަރުމަނު ރޮބާޓް އެންޑްރިކް ފައިގަ ޖެހިފަ
ޖަރުމަނުން ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން 10 ވަނަ މިނިޓްގައި ގޯލް އޭރިޔޭ ތެރެއަށް ވަދެ ކައި ހާވާޓްޒް ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލީ ކީޕަރު އަތުން ޖައްސާއެވެ. ޖެހިގެން އައި މިނިޓްގައި ޖަރުމަނުގެ ރޮބާޓް އެންޑްރިކް ފޮނުވާލި ބާރު ބޯޅަ ޖެހުނީ ހަންގޭރީ ޑިފެންޑަރެއް ގައިގައެވެ.

25 ވަނަ މިނިޓްގައި ހަންގޭރީގެ ކެޕްޓަން ޑޮމިނިކް ސޮބޯސްލީ ފޮނުވާލި ބާރު ހިލޭޖެހުން ކީޕަރު ނޯޔާ އިތުބާރާއެކު ދިފާއު ކުރިއެވެ. 28 ވަނަ މިނިޓްގައި އޭނާ ފޮނުވާލި ބާރު ބޯޅަ ސާފްކޮށްލީ ކުރިމަތީ ހުރި ޑިފެންޑަރު ރުޑިގާ އެވެ. 44 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޖަމާލު މުސިއާލާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ބޭރު އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހަންގޭރީން ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ހިލޭޖެހުމަކުން ހުރަސްކޮށްލި ބޯޅަ ފުރަތަމަ ވިލީ އޯބަން ބޮލުން ޖެހުމުން އަރިމަތީ ދަނޑީގައި ޖެހިފަ ނިކުއިން ވަގުތު ގޯލް ތެރެއަށް ފޮނުވާލީ ރޯލަންޑް ޗަލާއީ އެވެ. އެކަމަކު އެދެ ކުޅުންތެރިންވެސް ބޯޅަ ފޮނުވާލީ އޮފްސައިޑްގައި ހުރެއެވެ.

ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ރުޑިގާ ފޮނުވާލި ބޯޅައެއް ހަންގޭރީގެ ޑިފެންޑަރު ކޯނަރަކަށް ބެރުކޮށްލިއެވެ. 54 ވަނަ މިނިޓްގައި ޖަރުމަނުން ފުލްފުލްގައި ދެ ފަހަރު މަތީން ފޮނުވާލި ބޯޅަ ވެސް ހަންގޭރީ ކީޕަރު ދިފާއުކުރި އެވެ. ފުރަތަމަ ގުންޑޮގާން ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. ދެވަނަ ފަހަރަށް ކްރޫޒް ފޮނުވާލުމުންވެސް ކީޕަރު މަތަކުރިީ އެވެ.
މިމޮޅާއެކު މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކީ ޖަރުމަނެވެ. ޖަރުމަނު ވަނީ ފުރަތަމަ މެޗުގައި 5-1 ން ސްކޮޓްލެންޑް ބަލިކޮށްފައެވެ.