ކުޅިވަރު

އިތުރު ވަގުތުގައި އަލްބޭނިއާއިން ކްރޮއޭޝިއާާއާ އެއްވަރުކޮށްފި


އިތުރު ވަގުތުގައި އަލްބޭނިޔާއިން ކްރޮއޭޝިޔާއާ އެއްވަރުކޮށްފި އެވެ. ފަހަތުން އަރާ ދެ މިނިޓްގެ ތެރޭގައި ޖެހި ދެ ލަނޑުން ކްރޮއޭޝިޔާ މޮޅުވާން ދަނިކޮށް، އަލްބޭނިޔާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފުރަތަމަަ މެޗުން ބަލިވެފައި އޮތް ދެޓީމް ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ.

2-2 ން އެއްވަރުވި މެޗުގައި ފުރަތަމަ ގޯލަށް ފޮނުވާލި ބޯޅައިން ލީޑް ނެގީ އަލްބޭނިޔާ އިންނެވެ. 11 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ ލަސީ އެވެ. އޭނާ ލަނޑު ޖެހީ އޭރިޔާގެ ކަނާ ދިމާލުން ނަގައިދިން ހުރަސް ގޯލް އޭރިޔާ ބޭރުން ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން ނެވެ. އޭގެ ދެ މިނިޓް ފަހުން ދެވަނަ އެޓޭކެއްވެސް އުފެއްދީ އަލްބޭނިޔާއިން ނެވެ. 14 ވަނަ މިނިޓްގައި ބަޖްރާމީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. އެބޯޅަ ގޯލާ އަމާޒުވި ނަމަވެސް ކްރޮއޭޝިޔާގެ ކީޕަރު ރަނގަޅު ފަޅިއަށް ޑައިވް ކުރިއެވެ.

ފުރަތަމަ ހާފްގައި ކްރޮއޭޝިޔާގެ މޮޑްރިޗް 37 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާގެ ވައަތް ފަރާތުން ފޮނުވާލި ހިލޭޖެހުން ކީޕަރު މަތަކުރި އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި މިނިޓްގައި ވަޓްފޯޑް ފޯވާޑް ރޭ މަނާޖް ޑައިވްކޮށް، ބޮލުން ފޮނުވާލި ބޯޅަ މަތަކުރީ ވެސް ކީޕަރެވެ.

ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލޫކާ ސުސިކް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ އަލްބޭނިޔާ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. މިއީ ކްރޮއޭޝިޔާއަށް މެޗުގައި ފުރަތަމަ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ބޯޅައެެވެ. ސުސިކް ކުޅެން ނިކުތީ ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައެވެ. 53 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ކޮވަސިޗް ފޮނުވާލި ބޯޅަ ވެސް ކީޕަރު ދިފާއުކުރި އެވެ.

ކްރޮއޭޝިޔާއިން ނަތީޖާ ހަމަހަމަ ކުރީ 74 ވަނަ މިނިޓްގައެވެ. ކްރަމަރިޗް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލިބޯޅަ ގޯލަށް ވަންއިރު ކީޕަރަށް ހުރެވުނީ ބަލަހައްޓައިގެން ނެވެ. އޭގެ މިނިޓެއް ފަހުން ކްރޮއޭޝިޔާއިން ވަނީ ލީޑް ނަގާފައެވެ. ލުކަ ސުސިކް ގޯލް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަލްބޭނިޔާ ޑިފެންޑަރު ފައިގަ ޖެހިފަ ބައިކޮޅަށެވެ. އަލްބޭނިޔާ ކެޕްޓަން ފައިގަ ޖެހިފަ ބޯޅަ ނިކުއިން ވަގުތު ބޯޅަ ގޯލަށް ވަނީ ކްލައުސް ހަސޫލާ ގައިގަ ޖެހިފައެވެ.

ލީޑް ފުޅާ ކުރަން މެޗުގައި ކްރޮއޭޝިޔާއަށް ފުރުޞަތު ލިބުނެވެ. އެގޮތުން 87 ވަނަ މިނިޓްގައި 20 ޔާޑް ދުރުން މޮޑްރިޗް ފޮނުވާލި ބާރުބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
89 ވަނަ މިނިޓްގައި އަލްބޭނިޔާއިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ދިޔައެވެ. ނަމަވެސް ދެފަހަރު މަތިން ފޮނުވާލި ބޯޅަވެސް ކާމިޔާބެއް ނުވިއެވެ.

އަލްބޭނިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގައެވެ. ޕެނަލްޓީ އޭރިޔާ ސްޕޮޓް މަތިން ކްލައުސް ހަސޫލާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަންއިރު ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މިއީ ހާފްގެ މެދާ ހިސާބުން ފެށިގެން އަލްބޭނިޔާ ކުޅުންތެރިން ގުޅިގެން އުފެއްދި ފުރުޞަތެއްގައި ޖެހި ލަނޑެކެވެ.
މެޗުގައި ކްރޮއޭޝިޔާގެ ކީޕަރު ލިވަކޮވިޗް ރަނގަޅު ސޭވްތަކެއް ކުރިއެވެ. މިނަތީޖާގެ ސަބަބުން ކުރިއަށް ދިއުމަށް ދެޓީމަށްވެސް އުނދަގޫތަކެއް ކުރިމަތި ވީއެވެ. އަލްބޭނިޔާއަށް އޮތީ ސްޕެއިން މެޗެވެ. އަދި ކްރޮއޭޝިޔާއަށް އޮތީ އިޓަލީ މެޗެވެ.