ކުޅިވަރު

މިއީ ޕޯޗުގަލަށް ހައްގު މޮޅެއް: ހަސެކް


ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ރޭ ޕޯޗުގަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗެކް ރިޕަބްލިކްގެ ކޯޗު، އިވާން ހަސެކް ވަނީ، މުޅި މެޗުގައި މޮޅަށް ކުޅުނީ ޕޯޗުގަލް ކަމަށާއި، އެމީހުންނަށް މޮޅު ހައްގު ކަމަށެވެ.

އެކަމަކު، މުޅި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމަށް ޝުކުރު އަދާކުރާ ކަމަށާއި، މިހާރު ހުރިހާ ފޯކަސްއެއް އޮތީ ދެން އޮތް މެޗަށް ކަމަށާއި، ޕޯޗުގަލް މެޗުގައި ހިނގައިދިޔަ ކަންތައްތައް ރަނގަޅަށް އެނަލައިޒްކޮށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށް ހަސެކް ބުންޏެވެ.

ހަސެކްގެ ވާހަކައިގައި ވަނީ، މެޗު ފެށިގެން އޭނާގެ ޓީމުން ކުރި މަސައްކަތް ފުރިހަމަނުކުރެވުމަކީ ހުރި ބޮޑު ހިތާމައެއް ކަމަށް ބުނެފައެވެ.

އިތުރުވަގުތުގައި އެގޮތަށް ބައިކޮޅަށް ގޯލެއް ވަނުމުން މާޔޫސްވެފައިވާ ކަމަށާއި، މިކަންތައް މަތިން ހަނދާން ނައްތާލުމަށްފަހު ހަތަރު ދުވަސް ފަހުން އޮތް މުހިއްމު މެޗަށް ހުރިހާ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ހަސެކް ބުންޏެވެ.

މެޗުގައި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ތައުރީފުކޮށް ހަސެކް ވަނީ، އެ އުމުރުގައި ވެސް ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިއުމަކީ ގަބޫލުކުރަންވެސް ދަތި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކަށް ދެން އޮތީ މި މަހުގެ 22 ވާ ހޮނިހިރު ދުވަހު ޖޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.