"އަހަރެމެން 0-1 އިން ފަހަތުގައި އޮތްއިރު ދައްކައިދިން ކެރެކްޓާ ވަރަށް ފުރިހަމަ، މުބާރާތުގައި އޭގެއިން ނުހަނު ފައިދާ ކުރާނެ.ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް
ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ރޭ ޗެކް ރިޕަބްލިކް އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ، އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ޑިފެންސްކޮށް، މޮޅު ކުޅުމެއްދައްކާފައިވާ ކަމަށެވެ.
އޭނާގެ ޓީމުން މޮޅުވިއިރު، އެ މެޗުގައި ކުރި ކަންތައްތައް އަގުވަޒަންކުރަންޖެހޭ ކަމަށާއި، ހާއްސަކޮށް ވަރަށް ރަނގަޅު ޑިފެންސެއްކޮށްފައިވާކަން މާޓިނޭޒް ފާހަގަކުރިއެވެ.
މާޓިނޭޒް ވަނީ، މެޗުގައި ޕޯޗުގަލް ޓީމުން ރަނގަޅަށް ޑިފެންސްކުރިއިރު ޗެކް ރިޕަބްލިކަށް ކޯނަރެއް ނެގުމުގެ ފުރުޞަތު ދީފައިނުވާކަމަށާއި، އޭގެއިތުރުން މުޅި މެޗުގައި އެ ޓީމަށް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާލެވުނު ކަމީ އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިކަމުގެ ހެކި ކަމަށެވެ. އަދި އެ މެޗުގައި ދެއްކި މޮޅު ކުޅުމުގެ އެހީގައި މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.
ޕޯޗުގަލްއާ ދެކޮޅަށް ޗެކް ރިޕަބްލިކުން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެގޮތުން މެޗުގެ ތަފާސްހިސާބުތަކަށް ބަލާލިޔަސް އެކަން ދޭހަވެގެންދާނެ ކަމަށް މާޓިނޭޒް ބުންޏެވެ.
މެޗަށްފަހު ޕޯޗުގަލްގެ މިޑްފީލްޑަރު، ވިޓީނިއާ ބުނީ، މި މުބާރާތުގައި ފަސޭހަ މެޗެއް ނޯންނާނެ ކަމަށާއި، އެކަމަކު ވެސް އޭނާގެ ޓީމުން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދި ކަމަށެވެ. އަދި މެޗާ މެދު ޖުމްލަކޮށް ހިތްހަމަނުޖެހުނު ނަމަވެސް މިއީ މުބާރާތުގެ ފުރަތަމަ މެޗުކަން ދަންނަންވާނެ ކަމަށް ވެސް ވިޓީނިއާ ބުންޏެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ދެން ކުޅޭ މެޗުގައި މި މަހުގެ 22 ވާ ހޮނިހިރު ދުވަހު ނިކުންނާނީ ތުރުކިޔޭއާ ދެކޮޅަށެވެ.