ޚަބަރު

ރަޝިއާގެ ނިއުކްލިޔަރ ކާރުހާނާއެއް ކައިރިއަށް ޔޫކްރެއިންގެ ހަމަލާތަކެއް


ރަޝިއާގެ ބާރުގެ ދަށުގައިވާ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާއަށް ޑީސަލް ހިފައިގެން ދިޔަ ޓްރަކްތަކަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން ހަމަލާތަކެއްގައި، ރަޝިއާގެ ދެ ސިފައިން މަރުވެ، ކާރުޚާނާ ރައްކާތެރިކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ރަޝިއާގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާގެ ވެރިޔާ އެލެކްސީ ލިޚަޗޭވް ތުހުމަތު ކުރައްވައިފިއެވެ.

ލިޚަޗޭވް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުކުރު ދުވަހު ޔޫކްރެއިނުގެ ސިފައިން މި ހަމަލާތައް ދީފައިވަނީ ކާރުހާނާއާ ވަރަށް ކައިރިން، ޑީސަލް ސަޕްލައިކުރާ ޓްރަކްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

"މި ހަމަލާގައި ސިފައިންގެ ދެ މީހުން މަރުވެ، ގިނަ ޢަދަދެއްގެ ސިފައިން ވަނީ ޒަޚަމްވެފައި. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް. އެ އެންމެންނަކީ ވެސް މި މަދަނީ ޚިދުމަތް ދެމެހެއްޓުމަށް އެހީތެރިވަމުންދިޔަ ފަރާތްތައް،" އޭނާ ވިދާޅުވިއެވެ.

ޔޫރަޕްގެ އިތުރުން މުޅި އޭޝިއާ ސަރަޙައްދުގައި ވެސް ހުރި އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާ ކަމަށްވާ ޒަޕޮރީޜިޔާ، 2022ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައިގެ ކުރީކޮޅު ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން، ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ދެފަރާތުން ވެސް އަންނަނީ ކުރަމުންނެވެ. މިވަގުތު މި ކާރުޚާނާއިން ކަރަންޓު އުފެއްދުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ކާރުޚާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ބޭރުން ގުޅާފައިވާ މައި ދެ ކަރަންޓު ލައިން ކެނޑޭ ޙާލަތްތަކުގައި، ރިއެކްޓަރުތަކުގެ ނިއުކްލިޔަރ ތެޔޮ ފިނިކުރުމަށް ބޭނުންކުރާ ޑީސަލް ޖެނެރޭޓަރުތައް މެދުކެނޑުމެއްނެތި ހިންގުމަށް ތެޔޮ ފޯރުކޮށްދިނުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މީގެ ކުރިން އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ވެސް ގާތްގަނޑަކަށް ތިން ހަފުތާގެ މުއްދަތަކަށް މި މައި ދެ ލައިނުން ވަނީ ކަރަންޓު ކެނޑިފައެވެ.

ޔޫކްރެއިނުން އެދެމުންދަނީ ރަޝިއާ ސިފައިން އެ ކާރުޚާނާ ދޫކޮށް، އޭގެ ފުރިހަމަ ކޮންޓްރޯލް އަނބުރާ ހަވާލުކުރުމަށެވެ. ނަމަވެސް ރަޝިއާއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މި ނުތަނަވަސްކަމާ ގުޅިގެން، އދގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ވަނީ ޔޫކްރެއިނުގެ އެހެން ނިއުކްލިޔަރ ކަރުޚާނާތަކެކޭ އެއްފަދައިން، މި ކާރުޚާނާގައި ވެސް މޮނިޓަރުންގެ ޓީމެއް ދާއިމީ ގޮތެއްގައި ޤާއިމުކޮށްފައެވެ.

އަދި ޙާލަތު ގޯސްވާ ދަނޑިވަޅުތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އެ އިދާރާގެ އެހީތެރިކަމާއެކު، ކާރުޚާނާ މަރާމާތު ކުރުމުގެ މަސައްކަތްތަކަށް މަގުފަހިކުރުމުގެ ގޮތުން ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ވެސް މިދިޔަ މަހު ވަނީ އާދެވިފައެވެ.