ޚަބަރު

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ނުހިއްކާ އޮތް ސަރަޙައްދުގެ މަސައްކަތް މިމަހު ފަށަނީ


  • އުޅަނދުތައް މިމަހުގެ 23ގެ ކުރިން ނަގަން އަންގާފައިވޭ

  • 23 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައި

  • 63 ހެކްޓަރު ޖުމްލަ ހިއްކާނެ

ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ބިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ ތެރެއިން މިހާރު ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިމަހު ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުތައް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. އެގޮތުން 'ސައިޓް އޭ"ގައި ހިއްކަން ހަމަޖެހިފައިވާ 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި "ސައިޓް ބީ"ގައި ހިއްކަން ހަމަޖެހިފައިވާ ސަރަޙައްދުގެ ތެރެއިން 13 ހެކްޓަރު ބިން ހިއްކާ މިހާރު ވަނީ ނިންމާފައެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މަޑުޖެހިފައިވަނީ ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ އިތުރުވުމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އެންގުމުން ކަމަށެވެ. އަދި މަސައްކަތް މަޑުޖައްސާލިއިރު، "ސައިޓް ބީ"އިން 16 ހެކްޓަރާއި "ސައިޓް ސީ"ގައި ހިމެނޭ 24 ހެކްޓަރުގެ ބިން ހިއްކާ ނުނިމޭކަމަށް އެޗްޑީސީން ބުންޏެވެ. މި ސައިޓްތަކުގެ މަސައްކަތް މިމަހު ފެށޭނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ސަރަހައްދުގައި އަދިވެސް ކަނޑު އުޅަނދުތައް އަޅާފައި އޮތުމުން މަސައްކަތަށް ދަތިވާނެ ކަމަށެވެ.

ހަމައެއާއެކު މަސައްކަތުގެ ތެރެއިން އުޅަނދަކަށް ގެއްލުމެއް ލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިހެންވެ އަންނަ އާދިއްތަ ދުވަހުގެ ކުރިން އުޅަނދުތައް ނެގުމަށް، ވެރިންނަށް އަންގާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި އާދިއްތަ ދުވަހުގެ ފަހުން އެ ސަރަޙައްދުގައި އެއްވެސް ކަނޑު އުޅަނދެއް އެޅުމަކީ މަނާކަމެއް ކަމަށްވެސް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއިންނެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެގޮތަށްކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.

ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި އިންޑްސްޓްރިއަލް ބޭނުންތަކާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.