ކުޅިވަރު

ޖޯޖިއާ އަތުން ތުރުކީ މޮޅުކޮށްދިނީ 19 އަހަރުގެ ގުލާ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަރްދާ ގުލާ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި، ތުރުކީ މޮޅުކޮށްދީފިއެވެ. ޖޯޖިއާ އަތުން 3-1 ން ތުރުކީ މޮޅުވީ 1-1 ން އެއްވަރުވެފައި ވަނިކޮށް، 65 ވަނަ މިނިޓްގައި ގުލާ ކާމިޔާބުކުރި ލަނޑާ އެކުއެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ތުރުކީންނެވެ. ތުރުކީއަށް ލީޑް ނަގައިދިނީ 25 ވަނަ މިނިޓްގައި މާތް މަލްޑަރ އެވެ. އޭރިޔާ ރޮނގުމަތިން އެއްފަހަރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. ޖޯޖިއާއިން ނަތީޖާ ހަމަހަމަ ކުރީ 31 ވަނަ މިނިޓްގައެވެ. އެއީ ޖޯޖް މިކައުޓަޑްޒް ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ކީޕަރު އަތްދަށުން ގޯލަށް ވަދެގެންނެވެ.

65 ވަނަ މިނިޓްގައި ގްލާ ޖެހި ލަނޑާއެކު ތުރުކީ އަށް ލީޑް ލިބުނެވެ. މިއާއެކު ގުލާ ވެފައިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ޓީނޭޖް ތިންވަނަ ކުޅުންތެރިޔާ އަށެވެ.
ތުރުކީން ތިންވަނަ ލަނޑެއް ޖެހީ ޖޯޖިއާގެ މުޅި ޓީމް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަ ކުރަން އެޓޭކް ކުރަމުން ދިޔަ ވަގުތު އިތުރު ވަގުތުގެވެސް ފަހު މިނިޓްގައި ކައުންޓަރ އެޓޭކެއްގައެވެ. އަމިއްލަ ހާފްގެ ތެރެއިން ބޯޅައާއެކު ކުރިއަށް އަރާ މުހައްމަދު ކެރަމް އަކްތޮކްގޮލޫ ބޯޅަ ފޮނުވާލީ މުޅިން ހުސް ގޯލަށެވެ. ތުރުކީ ކޮޅަށް ތިންވަނަ ގޯލް ވަނީ އިތުރު ވަގުތުގައި ޖޯޖިއާއިން ފޮނުވާލި ނުރައްކާތެރި ދެބޯޅައެއް ނާކާމިޔާބުވުމަށް ފަހުއެވެ. ފުރަތަމަ ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ދެވަނަ ބޯޅަ ބޭރަށް ދިޔައީ ތުރުކީ ޑިފެންޑަރެއް ފައިގަ ޖެހިފައެވެ.

މީގެއިތުރުންވެސް މެޗުގައި ލަނޑު ޖަހަން ދެޓީމަށްވެސް ފުރުޞަތު ލިބުނެވެ. އެގޮތުން ފުރަތަމަ ފުރުޞަތު ނުވަ ވަނަ މިނިޓްގައި ލިބުނީ ތުރުކީ އަށެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ބާޑަކްސީ ފޮނުވާލުމުން ދިޔައީ އަރިމަތިން ކުޑަ ތަންކޮޅެއް ބޭރަށެވެ. 11 ވަނަ މިނިޓްގައި ޖޯޖިއާގެ ޖޯޖް މިކާތްޒޭ ޑީއޭރިޔާ ބެރުން ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރެވެ. އޭގެ އިރުކޮޅެއް ފަހުން ތުރުކީގެ ކާން އައިހަން ޖެހި ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އޭރިޔާ ތެރެއިން އަރިމަތިން ތުރުކީގެ ކެނާން ޔިލްޑިޒް ފޮނުވާލި ބޯޅަވެސް ކީޕަރު މަތަކުރި އެވެ. 20 ވަނަ މިނިޓްގައި އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ތުރުކީގެ ކެޕްޓަން ހަކަން ޗަލަނޯލު އެނބުރިގަންފަ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. 56 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ތުރުކީ އަށް ލިބުނު ހިލޭ ޖެހުން ކެޕްޓަން ހަކަން ކަލްހޯނާ ފޮނުވާލުމުން ވެސް ކީޕަރު މަތަކުރީ އެވެ. ބޯޅަ ފޮނުވާލެވުނީ ވެސް މެދަށް ސީދާ ކީޕަރާ ދިމާއަށެވެ.

69 ވަނަ މިނިޓްގައި ޕެނަލްޓީ ސްޕޮޓްމަތިން ޖޯޖިއާގެ ކޮޗޯރަޝް ފޮނުވާލިބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފައެވެ. ޖެހިގެން އައި މިނިޓްގައި ތުރުކީގެ ކެނާން ގުލާ ހުރަސްކޮށްދިން ބޯޅަ ގޯލް އޭރިޔާ ތެރެއިން ކެނަން ޔިލްޑިޒް ގޯލަށް ފޮނުވާލާ އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. 86 ވަނަ މިނިޓްގައި ތުރުކީގެ ޔޫސުފް ޔަޒިސީ ގޯލް އޭރިޔާ ތެރެއިން ބޮލުން ފޮނުވާލި ބާރުބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ.

މިމެޗު ޚާއްޞަ ވަނީ ޖޯޖިއާއިން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރަށް ވާތީއެވެ. މިގްރޫޕްގައި ދެން ހިމެނޭ ޕޯޗްގަލް އާއި ޗެކްރިޕަބްލިކް ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ވާދަކުރާނެ އެވެ.