ޚަބަރު

ކަނޑިތީމުގެ "ކަނޑިސާރު"ގައި ރަށުގެ އަގުބޮޑު އާސާރު


  • މި މަރުކަޒުގައި ރަށުގެ ތާރީޚީ ލިޔުންތަކާ ތަކެތި ހިމެނޭ

  • ބޭނުމަކީ ރަށުގެ ތާރީޚު ދިރުވާ އާލާކޮށް އަންނަން އޮތް ޖީލަށް ރައްކާކުރުން

  • މި މަސައްކަތްކުރީ ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން

ށ. ކަނޑިތީމުގެ ތާރީޚު ދައްކުވައިދޭ މަރުކަޒެއް "ކަނޑިސާރު"ގެ ނަމުގައި އެރަށުގައި ހުޅުވައިފިއެވެ.

މިއީ ރަށުގައި ހުރި ދުވަސްވީ ތަކެއްޗާއި، ރަށުގެ ސަޤާފަތާ އާސާރު ކުރިއަށް އޮތް ޖީލަށް ރައްކާތެރިކުރުމަށް އެރަށުގައި ހެދި މަރުކަޒެއްކަމަށް ރަށު ކައުންސިލުން ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ، މި މަސައްކަތަކީ ރަށުގެ ޒުވާނުންތަކަކާއި، ތާރީޚާ ގުޅޭ މަޢުލޫމާތު އެއްކުރާ މުދައްރިސެއް އަދި ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.

އެރަށުގައި ހުރި އާސާރީ ތަކެތި އެއްކުރުމުގެ މަސައްކަތް ފެށީ މީގެ ގާތްގަނޑަކަށް 5 އަހަރު ކުރިންނެވެ. ނަމަވެސް އޭރު މިތަކެތި ބަހައްޓާފައި ހުރީ ކުރިން ފާމަސީއެއްގެ ގޮތުގައި ރަށުގައި ބޭނުންކުރި ކުޑަކުޑަ އިމާރާތެގައެވެ. އަހުސަން ވިދާޅުވީ، އޭރު މި ތަކެތި ބެހެއްޓިފައި ހުރީ ކުޑަ ޖާގައެއްގައިކަމުން، އެތަކެތި ބަލާލުމަކީވެސް ދަތިކަމެއްކަމަށެވެ.

ނަމަވެސް އަލަށް ހުޅުވި "ކަނޑިސާރު" ހަދާފައިވަނީ ރަށުގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ. އާސާރީ މަރުކަޒު މިހާރު ހުރި އިމާރާތަކީ ޖާގަ ތަނަވަސް އަދި މީހުންނަށްވެސް އެ ތަކެތި ބަލާލަން ވަދެ އުޅެން ފަސޭހަ އިމާރާތެއްކަމަށް އަހުސަން ވިދާޅުވިއެވެ.

އެތަނުގައި ވަނީ ރަށުގައި ކާބަފައިން ގެންގުޅުނު އެކިއެކި ތަކެއްޗާ އަދި ރަށުގެ ތާރީޚާ ގުޅޭގޮތުން ލިޔެފައިވާ އެކިއެކި ލިޔެކިޔުންތައްވެސް ފެންނާނެގޮތަށް ބަހައްޓާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، އެތަނުގައި ބަހައްޓާފައިވާ ތަކެއްޗަކީ 50 އަށްވުރެ ގިނަ އަހަރުވީ ތަކެތިކަމަށާއި، ކޮންމެ އެއްޗަކާ ގުޅޭ މަޢުލޫމާތު ޑިސްޕްލޭގައި ހިމެނާފައިވާނެކަމަށެވެ.

އެގޮތުން އެ އެއްޗެއް ބޭނުންކުރަމުން އައިގޮތާއި، އޭގެ ތާރީޚާއި އަދި އެތަކެތި އާސާރުގެ ގޮތުގައި ހަދިޔާކުރި މީހުންގެ މަޢުލޫމާތުވެސް ހިމެނޭނެކަމަށެވެ.

"ކުރީ ޒަމާނުގައި ބޭނުންކުރި ހިފާގެންގުޅޭ ސާމާނާ، ބަދިގޭގެ އާލަތްތަކާ، ތަށި، ރުނބާ ފަދަ ތަކެތި ހިމެނޭ. އެކިއެކި ލިޔެކިޔުންތައް ހިމެނޭ. ތަކެތި ހަދިޔާ ކުރި މީހުންގެ މަޢުލޫމާތުވެސް ހިމަނާފަވާނެ." ކަނޑިތީމު ކައުންސިލްގެ ރައީސް އަހުސަން ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ މި މަރުކަޒު ޢީދާ ދިމާކޮށް ހުޅުވިނަމަވެސް، އާއްމުކޮށްގެން އާސާރީ މަރުކަޒު ބަލާލެވޭގޮތަށް ވަކި ވަގުތުތަކެއްގައި ހުޅުވާފައި ބަހައްޓާނެކަމަށެވެ. މަރުކަޒި އާއްމުކޮށް ހުޅުވާފައި ބަހައްޓާނެ ދުވަސްތަކާ ގަޑިތައް ކައުންސިލުން ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލާ ރަށު ރައްޔިތުންގެ އެންމެ ބޮޑު ޢަމާޒަކީ ރަށުގެ ތާރީޙު ކިޔައިދީ އާލާކުރުންކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. އަދި ރަށަށް އަރާ މެހުމާނުންނަށް، ރަށުގެ ތާރީޚާ އާސާރުތައް ބުނެދިނުންކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.