ކުޅިވަރު

ޕޯޗުގަލް މުބާރާތަށް އައީ ފައިނަލް ކުޅެން: މާޓިނޭޒް


"
އަހަރެމެންގެ ކުޅުންތެރިންގެ އެޓިޓިއުޑާއި ވަރުގަދަ ކޮމިޓްމަންޓް ކޮލިފައިންގައި ވަރަށް ރަނގަޅަށް ފެނިގެންގޮސްފި،
ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 2016 ވަނަ އަހަރުގެ ޗެމްޕިއަން، ޕޯޗުގަލް އައީ ފައިނަލް ކުޅުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ވަނީ، މުބާރާތުގެ ކޮންމެ މެޗެއް ކުޅޭ ދުވަހަކަށް (ހަތް ދުވަހަށް) ޖާޒީ ގެނައި ކަމަށް ބުނެ، އޭނާގެ ޓީމު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ފައިނަލްގައި ކުޅުން ކަމަށް ބުނެފައެވެ.

މާޓިނޭޒް ބުނީ، އޭނާގެ ޓީމާ މެދު ވަރަށް ބޮޑު އުއްމީދުތަކެއް ކުރެވޭކަން ގަބޫލުކުރާކަމަށާއި، ހުރިހާ ފޯކަސްއެއް އޮތީ މެޗުތަކުގައި ދައްކާނެ ކުޅުމާ މެދު ކަމަށެވެ. އަދި އޭނާގެ ޓީމަށް ރަނގަޅު ފުޓްބޯޅައެއް ކުޅެވޭނެ ކަމަށް އުއްމީދުކުރާކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މުބާރާތަށް ކޮލިފައިވުމަށްޓަކައި ކުޅެވުނު 10 މެޗު ކާމިޔާބުކޮށްފައިވާ ކަމަށާއި، ގްރޫޕް ސްޓޭޖުގައި މިހާރު ދެން ކުރިއަށް އޮތް ތިން މެޗުގައި އޭނާގެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ވެސް މާޓިނޭޒް ފާހަގަކުރިއެވެ.

ކުރީން ބެލްޖިއަމަށް ކޯޗުކޮށްދީފައިވާ މާޓިނޭޒް ބުނީ، ޗެކް ރިޕަބްލިކުން ކުޅެނީ ރިސްކްނަގައިގެން ހައި ޕްރެސިންގ ގޭމެއް ކަމަށެވެ. އެމީހުން މެޗަށް ނިކުންނާނީ މެޗުން މޮޅުވާން ކަމަށާއި، އެހެންވެ ނިއުޓްރަލް ފޭނުންނަށް ބަލާހިތްވާ ކަހަލަ މެޗަކަށް ވާނެ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.

މެޗާއި ބެހޭގޮތުން ޕޯޗުގަލްގެ ޑިފެންޑަރު، ރުބެން ޑިއާސް ބުނީ، އޭނާގެ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ހާލަތަށް ބަލާއިރު މުބާރާތުގައި ތަފާތުދައްކަން ޖެހޭނެ ކަމަށެވެ. އަދި، ކްރިސްޓިއާނޯ (ރޮނާލްޑޯ) އަށް މިސާލެއްގެ ގޮތުން ބެލިޔަސް ކާމިޔާބީ ހާސިލްކުރުމަށް ހުވަފެންދެކެ އެކަން ހަގީގަތަކަށް ހެދޭނެކަން ފެނިގެންދާނެ ކަމަށް ޑިއާސް ބުންޏެވެ.

ޗެކް ރިޕަބްލިކާ ދެކޮޅަށް ޕޯޗުގަލް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.